
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 20 އަހަރުގެ ނޭޕާލް ފިރިހެނެއްގެ އަލަމާރިން 14 އަހަރުގެ އަންހެން ކުއްޖަކު ފެނުނީ، އެ މީހާއަށް ތުހުމަތު ކުރެވުނު ބަދުއަހުލާގީ މައްސަލައެއްގައި ފުލުހުން އޭނާގެ ކޮޓަރި ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. މި މައްސަލައިގައި ނޭޕާލް މީހާ 30 ދުވަހަށް ބަންދު ކުރިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު މި މައްސަލައިގައި އެ ބަންދަށް ފަހު ކަންކަން ހިނގައިދިޔަ ގޮތެއް ނޭނގެއެވެ.
މި މައްސަލައިގެ ބަންދު އަމުރުގައި އަންހެން ކުއްޖާ، ފަސް ފަހަރު ނޭޕާލް މީހާގެ ކޮޓަރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ އިއުތިރާފުވެފައިވެއެވެ. އަދި އަންހެން ކުއްޖާވެސްވަނީ ދަންވަރުވެސް އެ ކޮޓަރިއަށްދާ ކަމަށް ބުނެފައެވެ.
މި ހަބަރުގައި މި ހާދިސާ ހިނގި އަތޮޅާއި ރަށުގެ މައުލޫމާތު ހިމަނާފައިނުވަނީ އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާގެ މަސްލަހަތުގައެވެ.
މެދުރާއްޖެތެރޭ ރަށެއްގައި 14 އަހަރުގެ އަންހެއް ކުއްޖަކު ގެއްލިގެންވެސް މި ފަހުން އިއުލާން ކުރިއެވެ. އެ ކުއްޖާ ފެނުނީ ގެއްލިގެން ހޯދިރޭ ދަންވަރުއެވެ. އެ ކުއްޖާ ފެނުނުއިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.