
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ގޮވާލުމުގައި ރާއްޖޭގެ އިތުރުން ގިނަ އަދަދެއްގެ ގައުމުތަކަކުން ބައިވެރިވެފައިވެ އެވެ. މި ގާފިލާގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި ގޮވާލުން ނެރެފައިވަނީ ރާއްޖެ އާއި ތުރުކީ، މެލޭޝިއާ، ޕާކިސްތާން، އަދި ސައުތު އެފްރިކާ ފަދަ ގައުމުތަކުގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. މި ގައުމުތަކުގެ ރައްޔިތުންވެސް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން އިންތިޒާމުކޮށްފައިވާ މި ފްލޮޓިލާގައި ބައިވެރިވެ އެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ގައްޒާގެ ރައްޔިތުންނަށް ކުއްލި ގޮތަކަށް ބޭނުންވެފައިވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓުވުމުގެ މުހިންމުކަމާ މެދު ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. ސުލްހައާއި އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ރާއްޖޭގެ ސަރުކާރުން އަބަދުވެސް ތާއީދުކުރާ ކަމެކެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ މި އެހީގެ ގާފިލާއާ ދެކޮޅަށް އެއްވެސް ގާނޫނާ ހިލާފު އަމަލެއް ހިންގައިފިނަމަ، އޭގެ ޒިންމާ އެކަމެއް ކުރި ބަޔަކު އުފުލަން ޖެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ. ހާއްސަކޮށް އިންޓަނޭޝަނަލް ކަނޑުގެ ސަރަހައްދުގައި އުޅަނދުތަކަށް ހަމަލާދިނުން ނުވަތަ ގާނޫނާ ހިލާފު ގޮތުން ބަންދުކުރުން ފަދަ އަމަލެއް ހިންގުމުން ދުރުހެލިވުމަށް ވަނީ ބާރުއަޅާފަ އެވެ. އަދި އިންޓަނޭޝަނަލް ގާނޫނާއި އިންސާނިއްޔަތާ ބެހޭ ގާނޫނަށް އިހްތިރާމްކުރުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.