ނޫސްވެރިންގެ ކަންބޮވުން ފާޅުކޮށް އެ ބިލާއި ދެކޮޅަށް އިހްތިޖާޖުކުރަމުން ގެންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުން މިދިޔަ އަންގާރަދުވަހު ކުއްލި ޖަލްސާއެއް ބާއްވާ އެ ބިލްވަނީ ފާސްކޮށްފައެވެ. ބިލް ފާސްކުރީ ސަރުކާރުގެ 60 މެމްބަރުންގެ ވޯޓާއި އެކުއެވެ. އިދިކޮޅަށް ވޯޓް ދިނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސްއެވެ. ބިލަށް ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކުރުމަށް ފަހުއެވެ.
މި ކަމާއި ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ރޭ ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އެމްޑީޕީން ދެން ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ރައީސް މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ ގޯސްތައް ރަނގަޅު ކުރާނެ ކަމަށެވެ.
މީގެއިތުރުން ސަރުކާރުން އަވަސް އަރުވާލައިގެން ފާސްކުރި މީޑީއާ ބިލްވެސް އުވާލާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީޑިއާ ކޮންޓްރޯލްކުރުމަށް ފާސްކުރި ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ބިލެއްކަމަށާއި އެ ބިލު ބާތިލުކުރަން ސުޕްރީމްކޯޓަށް މައްސަލައެއް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ވަނީ ބުނެފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ގޮތުގައި ސަރުކާރުން އެކުލަވާލާ ރައްޔިތުން މަޖިލީހުން ފާސްކުރި ބިލް ރައީސް މުއިއްޒު ވަނީ މިއަދު ތަސްދީގުކުރައްވާފައެވެ.