
މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތް ކުރިއަށްދާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ.
މި މަހުގެ 18 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 119 މުއައްސަސާއަކުން 1037 ފަރާތަކުން ވާދަކުރާނެ ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައި އެވެ.
އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ފަރާތަކުންނާއި ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ފަރާތަކުންނާއި ހާފިޒުންގެ ގޮފީގައި 31 ހާފިޒުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.
މިނިސްޓްރީން ބުނީ މުބާރާތުގެ ކިޔެވުން ސަލާމްން ރަސްގެފާނު މިސްކިތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައި ކަމަށެވެ.
އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައި އެވެ.
ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ 1981ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމަށް ލޯބިޖައްސައި ގުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.