
ރަޢީސް އޮފީސް ކުރިމަތިން އޮންނަ ހުސް ސަރަހައްދުގައި މި ސަރުކާރުން ހެދި މީޑިއާ ފެންޑާ އުވާލަން މި ސަރުކާރުން މިމަހުގެ 14 ވަނަ ދުވަހު ނިންމީ ސަރުކާރަށް ތާއިދުކުރާ މެމްބަރަކު މަޖިލިހަށް ހުށައަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލާއި ދެކޮޅަށް ނޫސްވެރިން އެތަނުގައި އިހްތިހާޖުކުރުމުން ހުއްދަ ނުހޯދާ ވަންނަނީ ކަމަށް ބުނެއެވެ.
އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ހާއްސަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، ހެދި މީޑިއާ ފެންޑާ ހުޅުވީ 29 މެއި ގައެވެ.
މީޑިއާ ފެންޑާ ހުޅުވި ދުވަހު އެތަނުގައި ރައީސް މުއިއްޒު މަޑުކުރައްވައިގެން
ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހާ ދުވަހުވެސް، ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަމަށެވެ. އަދި ހުއްދަ ހޯދާފައި ނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ ހަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށްވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް އެތަން އުވާލުމުގެ ކުރިން ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.