
އުސްގެކޮޅު އިމާސިވް މިއުޒިއަމެއް ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދަން ގައުމިއްޔަތު މިނިސްޓްރީއާ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރަތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭގިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަަސްމިއްޔާތުގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ އުސްގެކޮޅު ތަރައްގީވާއިރު މިހާތަނަށް ދިވެހީން ދެކެފައިނުވާ މަންޒަރެއް ފެންނާނެ ކަމަށެވެ. އެގޮތުން، އެތަން ތަރައްގީކުރާނީ ދިވެހީންގެ ހަޟާރަތުގެ ހަގީގަތާއި ދައުލަތާއި ދިރިއުޅުން ދެމެހެއްޓުމުގައި އުފުލި ބުރަ އެންމެ ޒަމާނީ ވަސީލަތްތަކުގެ އަލީގައި ފެންނަ ގޮތަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު
އަދި އެތަން ތަރައްޤީކުރުމުގެ މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްގީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަގީގީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ކުރައްވާ މަސައްކަތެއްކަމަށްވެސް މިނިސްޓްރު އާދަމް ނަސީރު ވިދާޅުވި އެވެ.
އުސްގެކޮޅުގައި މިއުޒިއަމް ހަދަން ހަވާލުކުރި އެފްޑީސީއަކީ ސޯޝަލް ހައުސިންގެ ކަންކަމަށް ހާއްސަކޮށްގެން އުފައްދާގައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް މި ސަރުކާރުން އަންނަނީ ސްކޫލްތަކާއި ކްލާސްރޫމްތައް އިމާރާތްކުރުން ފަދަ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރަމުންނެވެ،