ads
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
މާލީ ބަޔާންތައް ހަރުދަނާކުރަން އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅުއްވައިފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން މަގާމާ ހަވާލުވާއިރު، އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުންނަ މުދަލާއި ފައިސާއާ ގުޅޭ ތަފުސީލު ހާމަކުރުން ލާޒިމުކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފި އެވެ.
Advertisement

ކުޑޫ ހުށަހެޅުއްވި އެ އިސްލާހުގައި އެދިވަޑައިގެންފައިވަނީ، އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާނާ ގުޅޭ އުސޫލުތައް އެއްހަަމަ ކުރުމަށް ބަދަލުތައް ގެނައުމަށެވެ.

މިހާރު އޮންނަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުން އެންމެ ފުރަތަމަ ބަޔާން ހުށަހަޅަން ޖެހެނީ މެމްބަރުން އިންތިހާބުވެ، ހުވާކުރުމަށް ފަހު އެއް އަހަރު ވުމުންނެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ކުޑޫ އިތުރަށް ވިދާޅުވީ މެމްބަރުން ދައުރު ފަށާއިރު އެ ބޭފުޅުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަން އަދި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ، މާލީ ބަޔާނާ ގުޅޭ އުސޫލުތަކަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާއި އޭގެ ސަބަބުތައް ހާމަކުރައްވައިފަ އެވެ. އެ އިސްލާހުގައި ވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތްތަކެއް ވެސް ހިމަނައިފަ އެވެ.

އިސްލާހުގައި ހިމެނޭ ކަންކަން:

- މިނިސްޓަރުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަންޖެހޭ ވަކި މުއްދަތެއް ތާރީހެއް އަދި ނެތް. އެ މީހުންގެ މަގާމުގެ ދައުރު ފަށާއިރު މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއް ކަމާއި މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރުން.

- މިނިސްޓަރުން ކޮންމެ އަހަރަކު އެއް ފަހަރު، އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް މަޖިލީހާއި އޮޑިޓަ ޖެނެރަލަށް ހުށަހެޅުން.

- ކަނޑައަޅާފައިވާ މުއްދަތުގައި ބަޔާން ހުށަނާޅާ ނަމަ އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މިނިސްޓަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުން.

- މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމަނައި އެ ބޭފުޅުން ވެސް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުގެ ތެރޭގައި މާލީ ބަޔާން ހުށަހެޅުމަށް.

- ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޗެއާމަނުންނާއި ޗީފް އޮޕަރޭޓިން އޮފިސަރުންނާއި މެނޭޖިން ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ބޭފުޅުން އެ ފަރާތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމަށާއި އެ ބޭފުޅުން ވެސް އަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވޭ

އެގޮތަށް އަމަލުނުކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާކުރަން ހުށަހަޅައިފައި ވެއެވެ. 

މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މި މަހު ވަނީ ހާމަކޮށްފަ އެވެ. މެންބަރުންނަށް ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާނަމަ، ފުރަތަމަ އޮންނަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީ އެކަން ލިއުމުން އެންގުމެވެ. 

އޭގެ ފަހުން ވެސް މާލީ ބަޔާން ނުދެއްވައިފިނަމަ ދެން އެ މެންބަރެއްގެ ނަން ތަޅުމުގައި އިއްވަނީއެވެ. އޭގެ ފަހުން އެ މެންބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި، މާލީ ބަޔާން ހުށަހެޅުއްވުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑޭ ގޮތަށް މިހާރު އޮވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް