
އދ.ގެ "ކްލައިމެޓް ވަލްނަރަބަލް ފޯރަމް"ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭނުންވާ ފާސް ހެއްދުމަށް ކުރަން ޖެހޭ މަސައްކަތަށް އިންކާރުކޮށްފައިވަނީ ދިވެހި ފޮރިން މިނިސްޓްރީއިން ކަމަށެވެ.
އެ ބަޔާނުގައިވަނީ، ނަޝީދު މިވަގުތު ހުންނެވީ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމުން އެ ހައިސިއްޔަތުން އެ މަނިކުފާނަށް ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް ހުރަހެއް ނެތް ކަމަށެވެ.
ނަޝީދުގެ އޮފީހުން ބުނީ، އެފަދަ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުމުން ރާއްޖެއަށް އޭގެ ސަބަބުން މަންފާ ކުރާނެ ކަމަށެވެ.
ނަޝީދުގެ އޮފީހުުގެ ބަޔާނުގައި ބުނި ގޮތުގައި، ގައުމުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާފައިވާ ބޭބޭފުޅުން އެ ބޭފުޅަކު ނިސްބަތްވާ ގައުމެއްގެ ފަރާތުން އަދި އެ ހައިސިއްޔަތުގައި ބައިނަލްއަގްވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދަނޑުގެ އާދައެކެވެ.
އެކަމަކު މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.