
އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްއިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމުގެ އިންތިޒާމު ހަމަޖައްސާ ދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ވާހަކަ މިއަދު ވަނީ ޝޯސަލް މީޑިޔާގައި ދައުރުވެފައި އެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ފަދަ ފާހެއް ހޯދަން ރައީސް ނަޝީދު އެދިފައި ނުވާ ކަމަށާއި ކުރީގެ ރައީސުންނައް އަރުވަންޖެހޭ ފުރިހަމަ އިއްޒަތް އެ މަނިކުފާނަށްވެސް އަރުވާމުން އަންނަ ކަމަށެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސް ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ދޭ ކަމަށް އެ ނޫސް ބަޔާނުގައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އދ.ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންފުޅުވާ ފާސް ހޯއްދެވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް ނަޝީދުގެ އޮފީހުން ރޭ ވަނީ ބުނެފައި އެވެ.
އދ.ގެ "ކްލައިމެޓް ވަލްނަރަބަލް ފޯރަމް"ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުވުމަށް ވަޑައިގަތުމަށް ބޭނުންވާ ފާސް ހެއްދުމަށް ކުރަން ޖެހޭ މަސައްކަތަށް އިންކާރުކޮށްފައިވަނީ ދިވެހި ފޮރިން މިނިސްޓްރީއިން ކަމަށެވެ.
އެ ބަޔާނުގައިވަނީ، ނަޝީދު މިވަގުތު ހުންނެވީ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމުން އެ ހައިސިއްޔަތުން އެ މަނިކުފާނަށް ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް ހުރަހެއް ނެތް ކަމަށެވެ.