"ޝޫޓް ކުރަމުންދިޔައީ، އެކްޝަން ސީންއެއް..! ހާދިސާ ދިމާވީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން... ގެއްލުން ލިބުނީ ޝައްޔާންގެ އަތަށް..! ހުޅުން ނެއްޓުނީތޯ ނުވަތަ ކަށިގަނޑު ބިންދައިގެން ގޮސްފައިތޯ، ޑޮކްޓަރުން ޗެކްކުރައްވަމުންދަނީ.." ޖެހިލުންވެ ހުރެވެސް ތަސްކީން ތެދު ހެދި އެވެ.
އަމާރާގެ ވަށައިގެން، ހަތަރުފާރު އެނބުރިގަތެވެ.
އަމިއްލަ ހިތުވިންދުގެ ގަދަ އަޑުފިޔަވައި އިތުރު އެއްވެސް އަޑެއް އޭނާގެ ކަންފަތަށް މިވަގުތު ނީވެ އެވެ.
"އިމަރޖެންސީ ކެއަރ..؟؟" ވަރަށް އުނދަގުލުން ނޭވާ ލަމުން، އަމާރާގެ ސުވާލު ދެތިންފަހަރު ތަކުރާރުކޮށްލި އެވެ.
"ވަގުތުން ޝައްޔާން ހޮސްޕިޓަލަށް ގެންދެވިއްޖެ! ފަރުވާއަށް ލަސްކަމެއް ނާދޭ.. ސެޓްގެ ތެރޭގައި ހިނގި ހާދިސާއަކަށްވާތީ ޕްރޮޑަކްޝަން ޓީމުން، ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ކުރިއަށްގެންދާނެ.. ޝައްޔާންގެ ބައްޕަ މިވަގުތު ލަންޑަންގަ އެބަ ހުންނެވި.. އަމާރާ ހާސްނުވޭ..!" އަމާރާގެ ހާލަތު މުޅިން ނޭގުނަސް، ތަސްކީން މަސައްކަތްކުރީ އަމާރާގެ ހާސްކަމަށް ލުއެއް ގެނެސްދެވޭތޯ އެވެ.
މުށްކަވާލާފައި އޮތް އަތުގެ އިނގިލިތަށް މަޑުމަޑުން އަމާރާ ހުޅުވާލި އެވެ. ނުތަނަވަސް ހަށިގަނޑުގައި އުފެދެމުންދިޔަ އުދާސްތަކަށް ފަރުވާއެއް ނެތެވެ. ރަތްވެފައިވާ ދެލޮލުން ހޫނު ކަރުނަ ވިދާލަން ގިނައިރެއް ނުނެގި އެވެ.
އަމާރާއާއި ޝައްޔާންގެ ގުޅުމުގެ ހަގީގަތެއް ނޭގުނަސް، ދެމީހުންގެ 'ގާތް ކަން' ތަސްކީންއަށް އެނގެ އެވެ. އާމާރާ ނޫން އިތުރު އެއްވެސް އަންހެން ކުއްޖެއްގެ ވާހަކަ މިހާތަނަށް ތަސްކީންއާއި ޝައްޔާން ހިއްސާކޮށްފައެއްނުވެ އެވެ.
ޝައްޔާންއަށް އެވަރުކަމެއް ވެގެންއުޅޭއިރުވެސް އަމާރާއަށް ހަބަރެއް ކޮށްލެވިފައި ނެތުމުން އޭނާގެ ހިތަށް ތަދުވެއްޖެ އެވެ.
"ޓެލް ހިމް..." އަމާރާ ބުނަން އުޅުނު ޖުމުލަ ހުއްޓާލި އެވެ.
ތުރުތުރުއަޅަމުންދިޔަ ތުންފަތުގައި ދަތްއެޅި އެވެ. ބުނާނީ ކީކޭ ހެއްޔެވެ؟ ނިއްކުރީގައި އަތް ވިއްދާފައި އަމާރާ ހިފަހަށްޓާލި އެވެ. ބުނާނެ އެއްޗެއް ވިސްނާލި އެވެ'
"ޝައްޔާން ހޭލުމުން، އަހަންނާއި ގުޅާލަން ބުނެލަދެއްޗޭ.. ޕްލީޒް..!" ހިއްވަރުކޮށްފައި އަމާރާ ބުންޏެވެ.
"އައި ވިލް" ތަސްކީން ދިނީ ޔަގީންކަމެވެ.
ކޯލް ކެނޑިއްޖެ އެވެ. ނަމަވެސް އަމާރާގެ އެސްފިޔައަކަށްވެސް ދިރުމެއް އަދި ނުލިބެ އެވެ.
ނޭގޭ ރިހުމަކުން ހިތުގައި ބާރަށް ވިންދު ޖަހަނީ އެވެ. އެސްފިޔަތަށް ފޫއަޅުވާލާފައި ހޫނުކަރުނައިގެ އިޒުނައަށް އެދެނީ އެވެ.
ހިތް ބިރުގަނެއްޖެ އެވެ. ފިކުރު ބޮޑުވެއްޖެ އެވެ. ނުތަނަވަސްކަމާއި ހާސްކަން ވަށާލައިފި އެވެ.
ޝައްޔާންއަށްޓަކައި އަމާރާގެ ހިތް ރޮނީ އެވެ. ފުރަތަމަ ފަހަރަށް އަމާރާގެ ހަޔާތުގައި، ޝައްޔާންގެ މުހިއްމުކަން އިހްސާސްވީ އެވެ.
އަމާރާއާއި އެތަށް ހާސް މޭލެއްގެ ދުރުގައި ލަންޑަންގެ ހޮސްޕިޓަލެއްގައި ޝައްޔާން އެ އޮތީ އެކަންޏެވެ. ބައްޕައާއި ޝައްޔާންގެ ގުޅުމުގެ މާބޮޑު ތަފްސީލެއް އަމާރާއަކަށް ނޭގެ އެވެ. ނަމަވެސް ޝައްޔާންގެ އެކަނިވެރިކަން، އެއީ އޭނާގެ ނިކަމެތިކަމެއްކަމުގައި އަމާރާއަށް އިހްސާސްވި އެވެ.
ތަސްކީން ބުނިގޮތުންނަމަ، ގެއްލުން ލިބުނީ ހަމައެކަނި އަތަށެވެ. އަމިއްލަ ފޯނަށް ޝައްޔާން ޖަވާބު ނުދިން ސަބަބާމެދު އަމާރާގެ ނުތަނަވަސްކަން އިތުރުވެއްޖެ އެވެ. ލިބިފައިވެދާނެ އިތުރު ގެއްލުމަކާއި މެދުގައި ފިކުރުކުރެވުމުން، އަމާރާގެ ބިރުވެރިކަން އޭނާގެ ހިތް ރޮއްވާލި އެވެ.
ޝައްޔާންއަކީ ކުދިކުދި ރިހުމަށް އަޅާލާނެ މީހެއް ނޫންކަން އަމާރާއަށް ޔަގީނެވެ. އަމިއްލަ ހަށިގަނޑަށް ލިބޭ ގެއްލުމަކަށް ޝައްޔާން ފަރުވާލެއް ނުބަހަށްޓާނެކަންވެސް އަމާރާއަށް ޔަގީނެވެ. އަނެއްކާވެސް އުފެދުނީ ސުވާލެކެވެ.
އެކްސިޑެންޓް ވުމުން، އަމާރާއަށް ޝައްޔާން ނުގުޅީ ކީއްވެ ހެއްޔެވެ؟
"ޝައްޔާން، އަހަންނަށް ނުގުޅީ ކީއްވެބާ..؟" ވައި އަޑުން އަމިއްލަ ނަފުސާއި ސުވާލުކުރި އެވެ.
އަމާރާގެ ކެބިންގައި ދެކޮޅުން ދެކޮޅަށް ހިނގުނީ އޭނާގެ ގަސްތަކު ނޫނެވެ. ނަފުސުގެ މައްޗަށް އަމިއްލަ އިހްތިޔާރެއްނެތްކަން ޔަގީންވަނީ، އަމާރާގެ ޑިއުޓީގެ މެދުތެރެއިން، އޭނާގެ އަމިއްލަ އިހްސާސްތައް އިސްކުރި މިއީ ފުރަތަމަ ފަހަރުކަމަށްވާތީ އެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ އެތަށްކަމެއް އަމާރާގެ ސިކުނޑީގައި ސުވާލުތައް އުފައްދަމުންދިޔަ އެވެ.
ނަމަވެސް 'އަންހެނެއްގެ' ހައިސިއްޔަތުން އުފެދޭ އެތަށް ޖަޒްބާތެއް އޭނާގެ ހިތާއި ސިކުނޑިއަށް ބަރުކޮށްފި އެވެ.
ހަމައެވަގުތު އަމާރާގެ ކެބިންގެ ތެރެއަށް ވަނީ ޑިއުޓީގައި ހުރި ނަރުހެކެވެ.
"ޑޮކްޓަރ އަމާރާ، ނެކްސްޓް ޕޭޝަންޓް އެތެރެއަށް ފޮނުވަން ވީތޯ؟"
"ރީޝެޑިއުލްކޮށްލާ!" ކުއްލިޔަކަށް އަމާރާ ބުންޏެވެ.
ވާނުވާ ނޭގިފައި ނަރުސްކުއްޖާއަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. ދެތިންފަހަރަކު އެސްފިޔަ ޖަހައިލުމަށްފަހު، އަމާރާއާއި ވާހަކަދެއްކޭތޯ މަސައްކަތްކުރި އެވެ.
"ޑޮކްޓަރ...؟" ލިބުނު ހައިރާން ކަމުގައި ނަރުސް ހުއްޓުން އެރި އެވެ.
"ޖަސްޓް ޑޫ އިޓް!!" ނަރުހާއި ދިމާއަށް ބަލައިވެސް ނުލާ އަމާރާ ބުންޏެވެ.
އަމާރާ އަވަސްވެގަތީ އަނެއްކާވެސް އޭނާގެ ފޯނަށް ސަމާލުކަން ދިނުމަށެވެ.
ތަސްކީންގެ ނަންބަރަށް ބަލަހައްޓައިގެން އަމާރާއަށް ހުރެވުނީ މި ނޫނީ ދުވަހެއްގައިވެސް ސީދާ ތަސްކީންއަށް އަމާރާ ގުޅާފައި ނުވާތީ އެވެ. ދިއްލީ ދަތުރުގެ ފަހުން، އަމާރާއަށް ތަސްކީންގެ ނަމްބަރު ދިނީ ދިމާވެދާނެ އިމަޖެންސީއަކަށް، ޝައްޔާން އެވެ.
ވަރަށް ޖެހިލުންވެ ހުރެ، ތަސްކީންގެ ނަމްބަރަށް އަމާރާ ގުޅާލި އެވެ.
ރިންގުވެ އެވެ. ފޯނަށް ޖަވާބެއް ނުދިނެވެ.
އަމާރާގެ ހިތް ނެގިނެގިފައި ބާރަށް ތެޅެ އެވެ.
އިރުކޮޅެއްގެ ފަހެވެ.
އަމާރާ ސިއްސައިގެން ދިޔައީ ފޯނު ވައިބްރޭޓްވުމުންނެވެ.
ތަސްކީން:ޑޮކްޓަރުން ގެންދަވަނީ ޝައްޔާން ބަލަމުން.. އަހަރުމެން އެންމެން މިތިބީ ޝައްޔާންއާއެކު.. ތަފްސީލް ލިބުނުވަރަކުން އަޕްޑޭޓް ދޭނަން..'
އަމާރާގެ ދެ ލޯ މަރައިލެވުނީ ކޯ ކަށިގަނޑަށް ލެވުނު ބާރުގައި މޫނު އައްސިވުމުންނެވެ. ނިއްކުރީގައި ބާރަށް ހިފެހެއްޓި އެވެ. ވާނުވާއެއް ނޭގި ކަންކަމާއިމެދު ގޯސްކޮށް ވިސްނުމަކީ ބުއްދިވެރިގޮތެއް ނޫންކަންވެސް އަމާރާއަށް ވިސްނެ އެވެ. ނަމަވެސް މިހާލަތުގައި އޭނާ ކަންކުރާންވީ ގޮތެއް ހިތާއި ސިކުނޑި ބުނެނުދިނެވެ.
ޝައްޔާންއާއެކު ޑޮކްޓަރުން އެބަތިއްބެވެ. ބައްޕަ އެބަހުއްޓެވެ. ޝައްޔާންގެ ސިއްހަތާއިމެދު ވިސްނާ ފިކުރުކުރުމަށް މިވަރުގެ ހައްގެއް ޝައްޔާން އަމާރާއަށް ދީފައި އޮތްކަން އިނގޭނެ އެއްވެސް އިންސާނަކު އެތަނުގައި ނެތެވެ. އަމާރާގެ ހިތް އެކަންކަމަށް 'އޯކޭ'އެއް ނޫނެވެ.
އަވަސްގޮތަކަށް ކޮފީއެއް ހަދާލައިގެން އަމާރާ އިށީނީ އޭނާގެ ކެބިންގައި ހުރި ސޯފާގައި އެވެ.
ދެމީހުންގެ އެންމެ ފަހުގެ ޗެޓްލޮގް ހުޅުވާލި އެވެ. އަމާރާ ލިޔުނު މެސެޖް އަދިވެސް ޑްރާފްޓްގެ ގޮތުގައި އެބައިނެވެ. މެސެޖްގައި ފިރުމާލީ 'ސެންޓް'ކުރުމުގެ މަގުސަދަކު ނޫނެވެ. ނަމަވެސް ކުއްލިޔަކަށް މެސެޖް ފޮނުވިއްޖެ އެވެ. ހަމަ ވަގުތުން ފެހިކުލައިގެ ދެ ފާހަގަ ފެނުމާއެކު އަމާރާގެ އަނގަ ތަންމިނަށް ހުޅުވިއްޖެ އެވެ.
މެސެޖް ބަލައިފި އެވެ. ޔަގީނެވެ. ނަމަވެސް ޖަވާބެއް ނައި އެވެ. ދަތްކުނޑިވިކާލާފައި އަތުގައި ހުރި ބާރެއްލާފައި ފޯނު އަތަށް ބާރުކޮށްލި އެވެ.
އަވަސް އަވަހަށް އިނގިލިތަށް ހަރަކާތްކޮށްލީ ހިތުގައި އޮތްގޮތަށް މެސެޖްކުރާށެވެ.
"ކުރިއަށް އޮތް ގަޑިއެއްގެ އިރުތެރޭގައި އަހަންނަށް ނުގުޅައިފިއްޔާ، ލިބެން އޮތް އެންމެ އަވަސް ފްލައިޓަކުން ލަންޑަންއަށް ދިއުމަށް އަމިއްލައަށް ޓިކެޓް ނަގާނަން، ޝައްޔާން ޔޫސުފް ރައިޒާދް..!"
އަމާރާގެ މެސެޖް ފޮނުވާލި އެވެ.
އެއީ ސަމާސާއެއް ނޫނެވެ. ކޮންމެ އަކުރެއް އަދި ކޮންމެ ލަފްޒެއް ނިކުތީ އަމާރާގެ ހިތުގެ އަޑިންނެވެ.
މިނެޓެއްވެސް ފާއިތުނުވި އެވެ.
ފޯނުގެ ސްކްރީން ދިއްލެއް ފަށައިފި އެވެ. ގުޅަނީ ޝައްޔާން ޔޫސުފް ރައިޒާދް އެވެ.
ހަށިފުރާ ނޭވާއެއްލަމުން އަމާރާ ފޯނު ނަގައިފި އެވެ.
"ޔޫ އިޑިއަޓް!" އެކޮޅުން އެއްޗެއް ނުބުނެވި އުޅެނިކޮށް ދަތްކުނޑިވިކާފައި އަމާރާ ފަށައިފި އެވެ.
"އިންޒާރު ނުދެނީސް، ޖަވާބު ނުދިނީ ކީއްވެ؟ އަހަރެންގެ ހާލަތު ހިތަށް ނާރާތަ؟ ނުވިސްނަން ހުއްޓަސް، ބައިވަރު އެއްޗެހި ހިތަށް އަރަނީ... އަހަރެން ހީކުރީ..؟" އަމާރާގެ އަޑު ކުރެހިއްޖެ އެވެ.
"ހެއި.. ހެއި.. ހެއި... ހަމަޖެހޭ..، ހަމަޖެހޭ ކަޕްކޭކް!" ވަރުބަލި ގޮތަކަށް ޝައްޔާންގެ އަޑު އިވުނެވެ. ނަމަވެސް އަޑުގައި ހުރި އޯގާތެރިކަން އަމާރާ ފާހަގަކުރި އެވެ. (ނުނިމޭ)