ads
މީޑިއާ ގާނޫނާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އާންމުންނާ ހިއްސާކުރަން އެމްޖޭއޭއިން އިންތިޒާމްކޮށްގެން ބޭއްވި ފޯރަމް. --ފޮޓޯ: ސަން
މީޑިއާ ކޮންޓްރޯލް ގާނޫނު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފު: އދ
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މިދިޔަ ހަފްތާގައި ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައި، މިހާރު އަމަލު ކުރަން ފަށާފައިވާ ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ހިލާފުކަމަށް ފާހަގަކޮށް، އެ ގާނޫނު އަނބުރާ ގެންދިޔުމަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް, ވޮލްކާ ޓާކް ގޮވާލައްވައިފި އެވެ.
Advertisement

އެ ޖަމާއަތުގެ ޗީފާ ހަވާލާދީ ތަރުޖަމާނު ރަވީނާ ޝަމްދަސަނި ނެރުއްވި ބަޔާނުގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރާ ގާނޫނުގައި، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ފުށުއަރާ އުސޫލުތަކެއް އެބަހުރި ކަމަށެވެ.

ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

މި ގާނޫނާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ އިތުރުން ބޭރުގެ ޖަމިއްޔާތަކުން ވެސް މި ކަންބޮޑުވުންތަކުގެ އަޑު އުފުލި އެވެ. 

މި ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކުރީ ނޫސްވެރިންގެ ބޮޑު ކަންބޮޑުވުންތަކެއްގެ ތެރޭގައެވެ. ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމާއި، ކޮމިޝަނުގެ 3 މެމްބަރުން މަޖިލީހުން އައްޔަންކުރާ ގޮތަށް ހުރުމުގެ އިތުރުން ހުރިހާ މެމްބަރުން މަޖިލީހަށް ވަކިކުރެވޭ ގޮތަށް އޮތުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް