އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ރޭގެ 12 ޖަހާކަންހާއިރު އާންމު ކުރެއްވީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ފެނަކައިގެ މާލީ ހާލަތު މިހާރު އޮތް ވަރަށް ގޯސްވީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ކޯޕަރޭޝަނުން، މާލީ ހާލަތާ ނުބައްދަލު، އަދި އެ ވަގުތަށް މުހިންމު ނޫން ބޮޑެތި ހަރަދުތައް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ބުންޏެވެ.
ފެނަކައިން ފައިސާ ހަރަދުކުރި ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި ވެސް ކޮރަޕްޝަނުގެ ތެރެއިން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ގެއްލިފައިވާ ކަން އެ ރިޕޯޓުން އެނގެ އެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2023 ވަނަ އަހަރުގެ ނިޔަލަށް 1 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ފައިސާ ނުދައްކާ ހުރި ބިލްތަކަށް 773 ފަރާތަކަށް ދައްކަން ޖެހޭ 2،984،813،280 (2.9 ބިލިއަން ރުފިޔާ) ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ފެނަކައިގެ ބޮޑު ވައްކަމާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންފަދަ ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މީގެތެރެއިން ބައެއް މައްސަލަތައް ތަހުގީގުކޮށް، ފެނަކައިގެ ކުރީގެ ބަައެއް ވެރިންނަށް ދައުވާ ކުރުމަށް ވަނީ ކޯޓަށްވެސް ފޮނުވާފަ އެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ. އޭގެތެރޭގައި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުވެސް ހިމެނެ އެވެ.