އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ. އެ ލިސްޓުގައިވާ ގޮތުން 353 މީޑިއާއަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އޭގެ ތެރެއިން ގިނަ މީޑިއާތަކަކީ ގަވައިދުން ނުނެރޭ ނުވަތަ ނެރުން ހުއްޓާލާފައިވާ މީޑިއާތަކެވެ.
އެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އީސީން ބުންޏެވެ.
ގާނޫނުގެ ދަށުން އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޝަނަށް ތިން މެންބަރުން އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ކުރުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަނެއް ހަތަރު މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުންނެވެ.
އޭގެ ތެރޭ ބްރޮޑްކާސްޓަރުން ތަމްސީލު ކުރާ ދެ މެންބަރުން އަދި އެހެން މީޑިއާތައް ތަމްސީލު ކުރާ ދެ މެންބަރުން ހިމެނޭނެ އެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.