ads
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
އޭސީސީގެ ތަހުގީގުތައް ނިންމަން ވަކި މުއްދަތެއް ގާނޫނަކުން ކަނޑައަޅަންޖެހޭ: ޝަމީމް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތައް ނިންމަން ވަކި މުއްދަތެއް ގާނޫނަކުން ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަމީމް އޭނާގެ އަމިއްލަ ބްލޮގް ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ ރާއްޖެއަކީ މުއްސަނދި، ތަނަވަސް، ވަސީލަތްތައް ގިނަ ގައުމެއް ކަމަށެވެ. ނަމަވެސް، ކޮރަޕްޝަނަށް ކަނޑާ ބައިގެ ސަބަބުން ފަގީރުވެފައިވާ، ނިކަމެތި ގައުމެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ކޮރަޕްޝަން ނައްތައިލުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައެއް ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮންނަ އޭސީސީގެ ސިޔާސަތުތަކާ ހެދި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ކުންފުނި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރަށް ޖަލަށް ލާން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.  

އެ ކަަމަށް އިޝާރާތް ކުރައްވާ ޝަމީމް ވިދާޅުވީ އިއްޔެ ސައީދުގެ މައްޗަށް ޖަލު ހުކުމް ކުރުމުން އެއީ ބޭރުފުށުން ބަލާއިރު، ކޮރަޕްޝަނަ ދެކޮޅަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ފެންނަ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ފުނަށް ފީނައި، އެ މައްސަލައިގައި ކަން ހިނގައިފައިވާ ގޮތަށް ބެލުމުން ފެންނަނީ އެހެން މަންޒަރެއް ކަމަށާއި އެއީ އޭސީސީގެ ނާގާބިލްކަމާއި ބަރުހެލިކަން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި ވަގުތު ފެންނަ މަންޒަރަކީ ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ބަރުހެލިކަމުންނާއި ކޮމިޝަނުގެ ރައީސްގެ ހާއްސަ ސިޔާސަތުތަކުގެ ސަބަބުންކަން،" ޝަމީމް ލިޔުއްވާފައި ވެއެވެ.

އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް ސަރުކާރެއް ވެރިކަމުގައި އޮންނައިރު، އެ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. އެގޮތުން ކުރީ ސަރުކާރުގެ ކަންކަމާ ގުޅިގެން އަމަލު ކުރައްވާ ގޮތަށް މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާމެދު ޝާމިލް އަމަލު ނުކުރައްވާ ކަމަށް ޝަމީމްގެ ލިޔުމުގައި ލިޔުއްވާފައިވެ އެވެ.

"މިކަން، މިމައްސަލަ ބެއްލެވި ފަނޑިޔާރު، އަލްއުސްތާޒު އާދަމް މުހައްމަދު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 63 އަދި 64 ވަނަ ނުކުތާގައި ލިޔުއްވާފައިވެއެވެ." ޝަމީމް ބްލޮގުގައި އޭނާ ލިޔުއްވާފައި ވެއެވެ.

އޭސީސީން އެގޮތަށް އަމަލު ކުރި ނަމަވެސް، އެއީ ގާނޫނީ ނިޒާމުގައި އޭސީސީ ހިނގަންޖެހޭ ކަމަށް ތަސައްވުރު ކޮށްފައިވާ ހަމައެއް ނޫން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

ރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް ފުޅާވާ އެއް ސަބަބަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ މައްސަލަތައް ނުބެލުމަށް އޭސީސީގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތުތައް ކަމަށާއި އެ ކަމުގެ ހައްލެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ ފުލުހުންނަށް ތަހުގީގު ނިންމަން މުއްދަތު ދީފައި އޮންނަ ގޮތަށް، އޭސީސީއަށް ވެސް މައްސަލަތައް ނިންމަން މުއްދަތެއް ގާނޫނުން ކަނޑައެޅުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް