ads
ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސަރުކާރުގެ އަމާޒު 500 ހާފިޒުން: މިހާރު އަދަދު 284 އަަށް!
ރާއްޖޭގައި މިހާރު ތިބި ދިވެހި ހާފިޒުންގެ އަދަދު 284 އަށް އަރާފައިވާ ކަމަށާއި މި ފަސް އަހަރުގެ ދައުރުގައި މި އަދަދު 500 އަށް އަރާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ޝަހީމް އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާފިޒުންގެ ޖުމުލަ އަދަދު މިހާރު މިވަނީ 284 އަރާފަ އެވެ. ދިވެހިންނާއި ޒުވާން ޖީލު އިސްލާމް ދީނަށް އިތުރަށް ޝައުގުވެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ފަސް އަހަރުގެ ދައުރު ނިމޭއިރު 500 އަށްވުރެ ގިނަ ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ހާފިޒުންގެ އަދަދު އިތުރުކޮށް ގުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން މީގެ ކުރިން ބުނި ގޮތުގައި  އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނައިން ތިބީ އައްޑޫގައި ކަމަށެވެ. އެ ސިޓީގައި 65 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 53 އަހަރެވެ.

ދެ ވަނައަށް ހާފިޒުން އެންމެ ގިނަ ފުވައްމުލަކުގައި 61 ހާފިޒުން އެބަތިއްބެވެ. އެ މީހުންގެ އެވްރެޖު އުމުރަކީ 48 އަހަރެވެ.

ލިސްޓުގެ ތިން ވަނައިގައި ހިމެނެނީ ޅ. ނައިފަރެވެ. އެ ރަށުގައި މި ވަގުތު ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ.

"ރާއްޖޭގެ ހާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފި. އިންޝާ ﷲ މި 5 އަހަރު ތެރޭ 500 އަށް އަރާނެ" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރިގޮތުގައި މިވަގުތާ ހަމައަށް 1500 ފަރާތަކުން ގުރުއާން ހިތުދަސްކުރާ ކުލާސްތަކުގައި ބައިވެރިވެ ދަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އެގޮތުން ގުރުއާން މަރުކަޒުން ގިނަ ފަރާތްތައް ކިޔަވަމުންދާއިރު އިލްމު އިންސްޓިޓިއުޓްގައިވެސް ދަނީ ގުރުއާން ހިތުދަސްކޮށްދެމުންނެވެ. ގިނައީ ޒުވާނުންނާއި ކުޑަކުދިންކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުން މިފަހުން ވަނީ މީގެ ކުރިން ހާފިޒުންނަށް ދެމުން އައި 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް އެ ފައިސާ ޖަމާކުރަން ވެސް ފަށައިފަ އެވެ.

ހާފިޒުންނަށް އިނާމު ދިނުމަށް މިދިޔަ އަހަރު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ ބާއްވަން ނިންމައިފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ނިމުނު ހަފްތާގައި ބުނީ ހާފިޒުންނަށް އިނާމާއި މެޑަލް ދިނުމުގެ ހަފުލާ ރޯދަމަހު 27 ވިލޭރޭ ބާއްވާ ގޮތަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް ރައީސް ނިންމެވީ އެއީ ހާފިޒުންނަށް ހާއްސަ ކުރަން އެންމެ ރަނގަޅު ރޭ ކަމަށް ވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް