އެމަނިކުފާނު މިހެން ވިދާޅުވީ "ސްޓޭޓް އިންޓާނަލް އޮޑިޓް ކޮންފަރެންސް" މިއަދު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި އިންޓާނަލް އޮޑިޓަރުންގެ އޮނިގަނޑު އެކުލަވާލެވިފައިވާކަން ފާހަގަކުރައްވައި، ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، އޮޑިޓަރުން ދޭ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރުމުގެ ނަތީޖާއަކަށްވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ވުން ކަމަށެވެ.
އިދާރާތަކުގައި އިންޓާނަލް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި "އިންޓާނަލް އޮޑިޓްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި" މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ "ރިސްކް މެނެޖްމަންޓް ފްރޭމްވާކް" ނައިބު ރައީސް ތައާރަފްކުރެއްވި އެވެ.
މި ސަރުކާރުން ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަތައް އެއްހަމަ ކުރުމަށް މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނައިފައި ވެއެވެ.