އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން ހާފިޒުންގެ ގޮފިންނާއި ނުބަލާ ކިޔެވުމުގެ ގޮފިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ލިބޭ ފަރާތަކަށް 75,000.ރ ގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކޮންމެ ގޮތްޕަކުން 2 ވަނަ ލިބޭ ބައިވެރިއަކަށް 50،000ރ. ފައިސާގެ އިނާމެއް އަދި ކޮންމެ ގޮތްޕަކުން 3 ވަނަ ލިބޭ ބައިވެރިއަކަށް 35،000ރ. ގެ ފައިސާގެ އިނާމު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ގުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސް ކަނޑައަޅުއްވާފައިވާ އިނާމުތަކެވެ. މިނިސްޓްރީގެ އިނާމުތަކަކީ އިތުރަށް ދެވޭ އިނާމްތަކެވެ. މީގެ އިތުރަށް އުމްރާދަތުރުތައް ވެސް އިނާމުގެ ގޮތުގައި ހިމެނެ އެވެ.
މުބާރާތުގެ ގޮފިތަކުން އެއް ވަނަ ހޯދާ ބައިވެރިންނަށް ރައީސުލްޖުމްހުރިއްޔާ ވަނީ ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔަވަން ޕީއެޗްޑީއާ ހަމައަށް ސްކޮލަޝިޕް ދޭން ނިންމައިފަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 119 ތަނަކުން 1،037 މީހުން ބައިވެރިވި އެވެ. އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވަން ނިންމާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.