އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ހިއްސާދާރުންގެ ކުންފުންޏަކަށް ވާއިރު މިދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުގައި ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާ ކަމަށް ފެންނަ ކަމަށެވެ.
އެކަން ގަވާއިދުން ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އަތުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް އެމްޓީސީސީން ބުންޏެެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެކަން ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް އެ ކުންފުނީގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ދޭނެ އެވެ. އެކަމަކު އިހުމާލުވީ ކިހާ ފައިސާއަކަށް ކަމެއް އަދި ކޮން ބައެއް ކަމެއް އެމްޓީސީސީއަކުން ހާމައެއް ނުކުރެ އެވެ.
އިތުރަށް އެމްޓީސީސީން ބުނީ، މިކަން ތަހްގީގުކޮށް، އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި އެ ކުންފުނިން ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެމްޓީސީސީގެ ފައިސާއަށް އިހުމާލުވި ކަމަށް ބުނެ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނިއިރު، މިރޭ އެޗްޑީސީން ވެސް ވަނީ 2019 އިން 2023 ގެ ނިޔަލަށް އެ ކުންފުނީގެ 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރުގައި އެޗުޑީސީ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ހުށަހަޅަމުން އަންނައިރު، ފެނަކަ އާއި އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ވެސް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.