ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީޕީގެ އެއްވުން ބާއްވަން ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީ މަގުން ކުރިއަށް ދާން ފެށުމާ ގުޅިގެން، އެ ގޮތަށް އަމަލު ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދީ، އިންޒާރު ދިން ކަމަށެވެ.
އެކަމަކު، އެ ކަމަށް އިޖާބަ ނުދީ، ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކުރި ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުންވަނީ އަމަލުތައް ހިންގި މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށުގެ އިންޒާރު ދީފަ އެވެ. "އަދި ހަމަ އެއާ އެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން މާލޭގައި މިރޭ ކުރަމުންދާ މުޒާހަރާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންވެސްވަނީ ވިދާޅުވެފަ އެވެ.
އެ މުޒާހަރާއާ ގުޅިގެން ސިފައިންނާއި ފުލުހުން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.
އެ އެއްވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން މާލެ އައިސްފައިވެ އެވެ.