ރޭ ފުލުހުން މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ހަކަރާތްތެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށް ހާޓް އެޓޭކެއް ޖެހި އައިޖީއެމްއެޗުގައި ފަރުވާ ދަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ރަސްލާންގެ ނަން ނުގެނެސް، ފުލުހުންގެ ދިފާއުގައި އައިޖީއެމްއެޗުން ވަނީ ބަޔާނެއް ނެރެފަ އެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެ ވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި، ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނި ގޮތުގައި، ބަލިމީހާއަށް ފަރުވާ ދީ، ހާލު ރަނގަޅުވެ މިހާރު ސީސީޔޫގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކޮންމެ މީހަކަށް ހާލަތަށް ބަލައި އެ ވަގުތު ދޭން ޖެހޭ ފަރުވާ އެންމެ ފުރިހަމައަށް އަބަދު ވެސް ދޭނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.
މިއީ މިގޮތަށް ސިޔާސީ ކަމެއްގައި ބަލިމީހަކާ ގުޅުވައި އައިޖީއެމްއެޗުން މިގޮތަށް ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
ރޭގެ އެއްވުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ނުބައްދަލު ގޮތަކަށް ކަމަށް ބުނެ، އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފުލުހުން ބުނީ، ބާރުގެ ބޭނުންކުރީ ކެތްތެރިކަމާއި ޕްރޮފެޝަނަލްކަމާ އެކީ، ހަމަތަކުގެ ތެރެއިން ކަމަށެވެ.