އެ އިއުލާނުގައިވާ ގޮތުން، މާސްޓަ ޕްލޭންގެ ދަށުން އެ ސަރަހައްދުގެ އިކޮލޮޖިކަލް ސަސްޓެއިނަބިލިޓީ އާއި އިގްތިސާދީ މުހިއްމުކަމާއި ސޯޝަލް އިންކްލޫސިވިޓީއަށް އިސްކަން ދޭންޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި މޮޑެލްއެއްގެ ދަށުން ތަރައްގީގެ ޕްލޭން ރޭވުމަށް ހާއްސަކަމެއް ދިނުމަށް ވެސް ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގުތިސާދީ ގޮތުން ފުދުންތެރި މާސްޓާ ޕްލޭނެއް އެކުލަވާލުމެވެ.
މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މި ސަރުކާރުގެ އެންމެ ކުރީ ކޮޅު، 18 ޑިސެމްބަރު2023ގަ އެވެ.
އެ މަޝްރޫއު ފައްޓަވައިދެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ރަސްމާލެގެ ނަމުގައި އެ ސަރަހައްދު ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށްކަމަށެވެ.
އެއީ ޒީރޯ ކާބަން ސަހަރެއް ކަމަށް ވެސް ރައީސް އެ ދުވަހު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ރަސްމާލެއިން 11،000 ގޯއްޗާއި 26،000 އަށްވުރެ ގިނަ ފްލެޓު ދޫކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފަ އެވެ. އެއީ 240،000 އަށްވުރެ ބޮޑު އާބާދީއަކަށެވެ. ގެދޮރުވެރިކަމުގެ އިތުރުން ވިޔަފާރިތަކާއި އިންޑަސްޓްރިއަލް އެކި ބޭނުންތައް އަދި ޓޫރިޒަމްގެ ތަރައްގީއަށް އެކި މަސައްކަތް އެތަނުގައި ކުރާނެ އެވެ.