އެންމެ ފުރަތަމަ މި ވެޕަން ބޭނުންކޮށްފައިވަނީ އިދިކޮޅު އެމްޑީޕީން 3 އޮކްޓޫބަރު މަހު ބޭއްވި މުޒާހަރާގެ ތެރެއިން ނެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ, ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް އަޑުބާރު ސޮނިކް ވެޕަން ފުލުހުން ބޭނުން ކުރުމަކީ އާންމު ސިއްހަތަށް ނުރައްކާވާނެ، އިންސާނީ ހައްގުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ.
އެއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ. އެ ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި މުޒާހަރާކުރި ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުޑަކުދިންނަށް އޭގެ އަސަރު ކުރި ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.
މައި އިދިކޮޅު ޕާޓީ އެމްޑީޕީން ބޭއްވި އެއްވުން ގަދަކަމުން ރޫޅާލަން ފުލުހުން މަސައްކަތްކުރީ ޕެޕަ ސްޕްރޭ އަދި ރަޔަޓް އިކުއިޕްމަންޓް ބޭނުންކޮށްގެން ކަމަށް އެ ޕާޓީން ވަނީ ބުނެފައި އެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.