އަރަގްޝީ އެފަދަ ސިޓީއެއް ފޮނުވިކަން ހާމަކުރެއްވީ ރާއްޖެއާ ލަންކާއާ ދެ ގައުމަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރިޒާ ޑިލްކުޝް އެވެ.
ސަފީރާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ފިޔަވަޅުތަކާ ދެކޮޅު ހަަދަން އެދިވަޑައިގެން ލަންކާއަށް ވެސް އަރަގްޝީ ސިޓީ ފޮނުއްވި އެވެ.
ސިޓީގައި އޭނާ އެދިވަޑައިގަތީ ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން އެޅި ފިޔަވަޅުތަކާ، ދެ ގައުމުން ވެސް ފާޅުގައި ދެކޮޅުހެދުމަށެވެ. އީރާނަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރާ ނަމަ އެއީ އެހެން ގައުމުތަކާ ދެކޮޅަށް އަމަލުކުރާނެ ނުބައި "ޕްރެސިޑެންޓެއް" އުފަންވާނެ ސަބަބަކަށް ވެދާނެ ކަމަށް ވެސް އަރަގްޝީ ވިދާޅުވި އެވެ.
ރާއްޖެއަށާއި ސްރީ ލަންކާއަށް އީރާނުން މިފަދަ ސިޓީއެއް ފޮނުވީ ހުޅަނގުގެ ގައުމުތަކުން އދ. މެދުވެރިކޮށް، އީރާނަށް ދަތިކުރާ "ސްނެޕްބެކް މެކޭނިޒަމް"ގެ ނަން ދީފައިވާ ފިޔަވަޅުތައް ސެޕްޓެމްބަރު 28 ގައި އދ. އިން ތަންފީޒުކުރަން ފެށުމުންނެވެ.
އީރާނަށް ދަތިކުރުމުގެ ނިޒާމު ހިންގަން ފެށުމަށް މިދިޔަ އޮގަސްޓްމަހު އދ.ގައި އެދުނީ ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތުންނެވެ.
ރާއްޖެއަށާއި ސްރީ ލަންކާއަށް ފޮނުއްވި ސިޓީގައި އަރަގްޝީ ފާހަގަކުރެއްވި ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމަ އެކަނި އީރާނާ ހިސާބުން ނިމޭ ކަމެއް ނޫނެވެ. މިއަދު އީރާނަށް އެކަނި ފިޔަވަޅު އެޅިޔަސް، ކުރިމަގުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް ހަމަ އެފަދަ ފިޔަވަޅުތައް އަޅާފާނެ ކަމަށް އޭނަ ވިދާޅުވި އެވެ.
އަރަގްޝީ ވިދާޅުވި ގޮތުގައި އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ދެކޮޅު ނުހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެފިކަސީ ގެއްލޭނެ ކަމެކެވެ. އޭނާ ސިފަކުރައްވާފައިވާ ގޮތުގައި އެއީ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑަށް އިތުބާރު ގެއްލޭނެ ކަމެކެވެ. އެހެންވެ، ބައިނަލްއަގުވާމީ ގާނޫނުތައް ދިފާއުކުރަން އޭނާ ރާއްޖެއަށާއި ސްރީ ލަންކާއަށް ގޮވާލެއްވި އެވެ.