ހޯމް މިނިސްޓްރީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ވަޒީފާ ދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ އާއި ފީތައް 100،000ރ.އަށް ވުރެ މަދު ނަމަ، 16 ސެޕްޓެމްބަރުގެ ކުރިން އެ ފީތަކާއި ޖޫރިމަނާތައް ދެއްކުމަށް އަންގައިފަ އެވެ.
ގިނަ އަދަދެއްގެ ވަޒީފާ ދޭ ފަރާތްތަކަށް އެއްފަހަރާ ފީތަކާއި ޖޫރިމަނާތައް ދައްކަން ދަތިވާކަމުގެ ޝަކުވާއާ އެކު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކާ ގޮތަށް ސަރުކާރާ އެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ދޭން ވެސް އޭރު ނިންމި އެވެ.
ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، ބިދޭސީންގެ ފައިސާ ބަހާލައިގެން ދައްކަން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކުގެ މުއްދަތު އިތުރުކޮށް ދިނީ މިހާތަނަށް އެ އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުންދާ ފަރާތްތަކަށެވެ. އަދި އެ ފަރާތްތަކަށް އިތުރު ފުރުސަތެއް ދީ، އެކަމުގައި ލުޔެއް ދިނީ އެ ފައިސާ ދެއްކުމުގައި ގޮންޖެހުންތައް ހުރި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާތީ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ މުއްދަތު އިތުރުކޮށްދިން ގޮތުގެ ތަފްސީލު ވަޒީފާދޭ ފަރާތްތަކާއި އެކްސްޕެޓް ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް އެ ސިސްޓަމުން ފެންނާނެ އެވެ.
ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބިދޭސިންނާ ގުޅުންހުރި ފީތަކުން ދައުލަތަށް ނުލިބިވާ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މި ސަރުކާރުގެ އަމާޒަކީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ.