ރައީސް އޮފީހުން މިރޭ ބުނީ އެ ވޯޓު ނެގުމާ މެދު ވަޒީރުންގެ މަޖިލީހުން ގޮތް ނިންމީ އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން ނިންމީ ފޭދު އާއި ހުޅުދޫ އަދި މީދުއަށް ރަށު ކައުންސިލް އުފެއްދުމާ މެދު އެ ތިން ރަށުގެ މީހުންނަށް ފެންނަ ގޮތް ބަަލަން ވޯޓު ނެގުމަށެވެ. ވޯޓު ނަގާނީ ފޭދޫއަށް ވަކި ކައުންސިލެއް ވަކިން އުފެއްދުމާއެކު ހުޅުދު އާއި މީދޫ އެއް ކައުންސިލުން ހިންގަން "އައްޑޫ ހުޅުމީދޫ ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓު ނަގާނީ މިމަހުގެ 24 ނުވަތަ 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިކަމާއި ގުޅުވާ ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އައު ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.
ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެ އެވެ.
އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.