ads
ނޭނގި ހިތް ގެއްލުނީ - 31 ވަނަ ބައި
އެޕިސޯޑް 31
Advertisement

އެހެން ގޮތެއް ނެތުން ޝައްޔާން ހަތިޔާރު ބެހެއްޓީ، އަމާރާގެ ހަރަކާތްތަކާއި މެދު ބުނާނެ އެއްޗެއް ހިތަށްވެސް ނައީތީ އެވެ. 

މަޑުމަޑުން ޝައްޔާންގެ ސްލިންގ ނައްޓުވާލާފައި އެ އަތް އަމާރާ ބަލަންފެށި އެވެ. 

އޯގާތެރިކަމާއި ފަރުވާތެރިކަމުން ފުރިގެންވީ ހަރަކާތެކެވެ. ހިމޭންކަމާއެކު އިނގިލިތަކުން ބީއްސާލަމުން ދިޔައީ މަޑުމަޑު ކަފަކޮޅެއްގައި އަތް ލިޔަސް، އެއަށްވެސް ގުޑުމެއް ނާރާނެހައި ފަރުވާތެރިކަމާއެކު އެވެ. 

"މިހާރުވެސް ވަރަށް ތަދުވޭތަ؟" ފިކުރުބޮޑުވެފައި މަޑުމަޑުން އަމާރާ ސުވާލުކުރި އެވެ. 

އަމާރާގެ ކޮންމެ ހަރަކާތެއް، އޭނާގެ ކޮންމެ އިހްސާސެއް ޝައްޔާންގެ ވިސްނުން ތޫނު ސިކުނޑިން ބަލައި ދިރާސާކުރި އެވެ. 

"މާ ބޮޑަކަށް ތަދެއް ނުވޭ!" ޝައްޔާން ޖަވާބުދިނީ ހަގީގަތަށެވެ.

"އެކަމަކު އަމާރާގެ ހައްގު ލިބިގަތުމަށް އަހަރެންގެ ހަށިގަނޑުގައި ކިތަންމެ ވަރަށް ބީހުނަސް، އެއްވެސް މައްސަލައެއް ނެތް!" 

ޝައްޔާންގެ އަޑާއި ރާގުގައި ދިމާކުރުމެއް، ނުވަތަ ސަމާސާ ކުރުމުގެ އެއްވެސް އަސަރެއް ނެތެވެ.  އިވުނު އަޑާއެކު އަމާރާގެ ދެލޮލުގެ ކަޅި އަނބުރާލި އެވެ. އެކަމަކު ޝައްޔާންގެ އަތް އަމާރާގެ އަތުތެރެއިން ދުރަށް ނުލަ އެވެ. 

އިހްތިޔާރެއްނެތި މަޑުމަޑުން އަމާރާގެ އިނގިލިތަކުން ޝައްޔާންގެ އަތްތިލައާއި އިނގިލިތަށް އަދި މުލައްދަނޑީގައިވެސް ބީހެން ފަށައިފި އެވެ. 

އަމާރާގެ ޖަޒްބާތުތަކަށް އޭނާގެ ކުޑަވެސް އިހްތިޔާރެއް ނެތެވެ. 

"ހަގީގަތުގައިވެސް ޝައްޔާން އަހަރެން ބިރުގަންނަވާލައިފި.." ވައި އަޑުން މަޑުމަޑުން އަމާރާ ބުނެލި އެވެ. 

އެބުނި އެއްޗެއް ޝައްޔާންގެ ކަންފަތަށްވެސް ސާފުކޮށް ނީވޭނެ އެވެ. ދެމީހުންގެ ގުޅުމަށް ލިބުނު ކުރިއެރުމަކީ އަމާރާގެ އިހްސާސްތަކުގެ މައްޗަށް އޭނާ  ފުރަތަމަ ފަހަރަށް އިއުތިރާފްވުމެވެ. 

ބުނާނެ އެއްޗެއް ނޭގިފައި އަމާރާގެ ހަރަކާތްތަކަށް ގެއްލިފައި އިނދެވުނީ ޝައްޔާންއަށެވެ. އަމާރާގެ ކޮންމެ ހަރަކާތަކުން ޝައްޔާންގެ އިހްސާސްތައް ހޭލަމުންދިޔަކަމުގެ ލިސާނެއްވެސް އަމާރާއަށް ނުވެ އެވެ. 

"އަމާރާ...."

ދެ ލޯ މަރާލާފައި ޝައްޔާން މަސައްކަތްކުރީ ކޮންމެވެސް އެއްޗެއް ބުނާށެވެ. ނަމަވެސް މުޅި މާހައުލު ބަދަލުވީ ހަމަ އެސިކުންތުގަ އެވެ. ޝައްޔާންގެ ދެއަތުގައި ފިރުމަމުން މަޑުމަޑުން އަމާރާ ތެދުވެ، ޝައްޔާންގެ ކަނދުރާގައި ދެއަތް ވަށާލި އެވެ. ގައި ހުރިބާރަކަށް ޝައްޔާންގެ ގައިގައި ބައްދާލާފައި އޭނާގެ ހަށިގަނޑުގައި ޝައްޔާން ފިއްތާލައި ބާރުކޮށްލި އެވެ. 

ބޮލަށް ގަނޑުފެން އެއްޗެއް އޮއްސާލުމުން މީހާ ގަނޑުވާ ފަދައިން ޝައްޔާންގެ މުޅި ހަށިގަނޑު ހުއްޓިއްޖެ އެވެ. އަތެއް ފައެއް ތަޅުވާލަންވެސް ޝައްޔާންއަށް ބާރެއް ނުލިބުނެވެ. 

އެއީ ޝައްޔާންގެ އަމާރާ އެވެ. ޝައްޔާން އެ އޮތީ އަމާރާގެ ދެއަތުގެ ތެރޭގައި ބޮނޑިކޮށްލާފަ އެވެ. ފުރަތަމަ ފަހަރަށެވެ. މިއީ އަމާރާގެ އިސްނެގުމުގެ މަތީން މިފަދަ އުފަލެއް ޝައްޔާންއަށް ލިބުނު ފުރަތަމަ ފަހަރެވެ. 

ޝައްޔާންއަށް ހީކުރެވުނީ ފެންނަނީ ހުވަފެނެއްކަމަށެވެ. ނަމަވެސް އިހްސާސްވަމުންދިޔަ އަރާމް ހޫނުކަން އެއީ ހަގީގަތެކެވެ. އިވެމުންދިޔައީ އަމާރާގެ ހިތުގެ ތެޅުމުގެ އަޑެވެ. ދުވަހަކުވެސް އިވިފައި ނުވާފަދަ ހިއްގައިމު މިއުޒިކެކެވެ.

އަމާރާގެ ތުރުތުރު އަޅަމުންދިޔަ ފިނިފިނި ތުންފަތުން ޝައްޔާންގެ ތަނަވަސް ކަނދުރާގައި ޖައްސައި ބާރުކޮށްލި އެވެ. އަތުގެ އިނގިލިތަކުން ލަމުންދިޔަ ބާރަކީ އަމާރާގެ ހަތަރެސްފައިން ވާގިދޫވެދާނެތީ އޭނާ ކުރާ ހިއްވަރުކަން ޝައްޔާން ދެނެގަތެވެ.

ޝައްޔާންގެ ހުރިހައި ހިއްސެއްގައި ވިންދުޖަހަން ފަށައިފި އެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން ސަލާމަތުން އޮތް އަތުން އަމާރާގެ ހަށިގަނޑުގައި ބާރަށް ބައްދާލި އެވެ. ދެމީހުންގެ މޭ ފިތިގެން ދިޔަ ބާރުމިނުގައި އާހެއްގެ އަޑު އިވުނީ އިހްތިޔާރަކު ނޫނެވެ. ދެމީހުންވެސް އެކަކު އަނެކަކަށްޓަކައި އިންތިހާއަށް ބޭނުންވެފަ އެވެ. އެކަކު އަނެކެއްގެ ހާލަތު އެނގެން ނުހަނު ބޭނުންވެފަ އެވެ. ޝައްޔާންގެ އަނިޔާގެ ސަބަބުން އަމާރާއަށް ކުރަމުންދިޔައީ ފުން އަސަރުތަކެއްކަން ދުލުން ހާމަކުރާކަށް ނުޖެހެ އެވެ. އެކަން ސާބިތުވެއްޖެ އެވެ.

"އަ'އެމް ސޮރީ ޕްރިންސެސް..! އަހަރެންގެ ހަބަރެއް ނުވެގެން ވަރަށް ވޭން އުފުލައިފިންދޯ..!" އަންދާޒާކޮށްލާފައި ޝައްޔާން މައާފަށް އެދުނީ އަމާރާގެ ހާލަތު އޭނާއަށް ވަޒަންކުރެވޭކަން ބުނެދިނުމަށެވެ.

ޝައްޔާން އެ ބުނި އެއްޗަކަށް ދޭނެ ޖަވާބެއް ނުވަތަ ވަކިއެއްޗެއް ބުނެގެން މާހައުލު ހަރާބުކުރުމުގެ މަގްސަދެއް އަމާރާގެ ނެތެވެ. އޭނާ އިހްތިޔާރުކުރީ ހިމޭންކަމެވެ.

ޝައްޔާންގެ ހާލު، އޭނާގެ އަމިއްލަ ހިތަށްވެސް އަންދާޒާ ނުކުރެވޭނެ އެވެ. ވައިރޯޅިއެއް އެދެމެދުން ދައުރުކުރުމަށްވެސް މިވަގުތު ޝައްޔާން ފުރުސަތެއް ނުދޭނެ އެވެ. އަނިޔާ ނުވެ އޮތް އަތް އުފުލާލާފައި ގައިހުރިބާރަކަށް އަމާރާގެ ހަށިގަނޑުގައި ބައްދާލި އެވެ. 

ނުހަނު ދިގު އިންތިޒާރަކަށް ފަހުގަ އެވެ. މީގެކުރިން ކިތަންމެ ފަހަރަކު މިފަދަ ވަގުތުތަށް 'ޝައްޔާން ހޯދައިފި' އެވެ. ނަމަވެސް އަމާރާ އިސްވެ ޝައްޔާންއާއި 'ގާތްވި'މިއީ ފުރަތަމަ ފަހަރެވެ.

"އަ'އެމް ރިއަލީ ސޮރީ ޕްރިންސެސް..! ވަރަށް ތަކްލީފު ދެވިއްޖެ.. ވަރަށް ބޮޑަށް މައާފުކުރޭ!" ދެ ހަށިގަނޑުގައި އެއް ވިންދެއް ޖަހަމުންދިޔަ ވަގުތު އަމާރާގެ ކަންފަތްދޮށުގައި މަޑުމަޑުން ޝައްޔާން ބުނެލީ ނުހަނު ލޯތްބާއެކު އެވެ.

ދެމީހުންގެ ދެމެދު އޮތް ގުޅުމަކީ އާދަޔާ ހިލާފް އެއްބަސްވުމެކެވެ. އެކަކު އަނެކަކު އެއަށް އިހްތުރާމްކުރަނީ، ލޯބިންކަމެއް ނުވަތަ ދެމީހުންގެ ދެމެދު އޮތް އެކުވެރިކަމާއި އިހްތިރާމެއްގެ ސަބަބުންކަމެއް ބުނާން އިނގޭނީ 'އެ ގުޅުމަށް ނަމެއް ދެވިފައި ވާނަމަ' އެވެ. 

ޝައްޔާންގެ ކަނދުރާއަށް ފިނިވަމުންދިޔަކަން އިހްސާސްވުމަށް ވަގުތުކޮޅެއް ނެގި އެވެ. އަމާރާގެ ބުރަކަށީގައި ޝައްޔާން ފިރުމާލީ ކަނދުރާ ތެމެމުންދިޔައީ އަމާރާގެ ކަރުނައިންކަން އިނގޭތީ އެވެ. ދިމާކުރުމާއި ނުވަތަ ރުޅިއަރުވާލުމަކުން އެފަދަ ވަގުތެއްގެ ހުރުމަތް ކަނޑާލަން ޝައްޔާންވެސް ބޭނުމެއް ނޫނެވެ. އަމާރާގެ ހިތްފުރެންދެން ރޯލުމަށް އޭނާއަށް 'ޝައްޔާންގެ ލޮބުވެތި ކަނދުރާ'ހަދިޔާކުރީ އެއީ ހަމައެކަނި އަމާރާގެ ހައްގެއްކަން ދެނެހުރެ އެވެ.

އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ހޭދަކުރެވުނު ވަގުތާއި މިނެޓުގެ ހިސާބެއް ނެތެވެ. އަމާރާގެ ދެ ލޯ ރަތްވެ، ދުޅަވެއްޖެ އެވެ. އެއް އަތުން އަމާރާގެ ގައިގައި ބައްދާލައިގެން ބުރަކަށީގައި ފިރުމާލަން ހޭދަކުރެވުނު ވަގުތަކީ ޝައްޔާންއަށް ލިބުނު އިންތިހާ އުފަލެކެވެ.

"ވަރަށް ބަނޑުހައިވެއްޖެ..! ދެމީހުންނަށް ކާއެއްޗެއް ހަދާލަން މިދަނީ.. ޝައްޔާން އަރާމްކޮށްލާ..!" ގިސްލުމުގެ އަޑު ސިއްރުކުރަމުން އަމާރާގެ ކަރުނަ ފޮހެލާފައި މަޑުމަޑުން ބުނެލި އެވެ. 

ތަރުތީބު ގެއްލިފައިވާ ފަށުވި އިސްތަށިތައް ލޯތްބާއެކު އަމާރާގެ ކަންފަތްކައިރިއަށް ޝައްޔާން ޖައްސާލި އެވެ. މަޑުމަޑު އިނގިލިތަކުން ލަސްލަހުން އަމާރާގެ ކަރުނަ ފޮހެލާފައި އަނެއްކާވެސް އަމާރާ ގެނެސް ޝައްޔާންގެ މޭގައި ޖައްސައި ފިއްތާލި އެވެ. އަދި ބޮލާއި ނިއްކުރީގައި ތަކުރާރުކޮށް ބޮސްދިނެވެ.

"ކާނެ އެއްޗެއް މިވަގުތު ބޭރުން ގެންނަންވީނުން..!" އަމާރާ ޝައްޔާން އާއި ދުރަށް ދިއުމަށް ޝައްޔާން ބޭނުންނުވީ އެވެ.

"ބާޒާރުވެސްކޮށްފައި ހުންނާނީ... ކައްކަން ތައްޔާރުވެސް ކޮށްފައި އެއާޕޯޓަށް ދިއައީ.. މާބޮޑަށް ލަހެއްނުވާނެ.. ވަރަށް އަވަހަށް އެބަ އަންނަން..!" ޝައްޔާންގެ ކޮނޑުގައި ބޯ އަޅައިލާފައި މޭގައި ފިރުމާލަމުން އަމާރާ ބުންޏެވެ.

ދުލުން ބަޔާން ނުކުރެވޭ ކިތަންމެ ލަފްޒަކާއި ބާރުގަދަ އިހްސާސްތަކެއް އެދެމެދުގައި ވި އެވެ. ހިތުގެ ކޮންމެ ވިންދެއް ބުނަމުންދިޔައީ ދުރުކަމެއް ތަހަންމަލްކުރާނެ ހިތްވަރެއް ނެތްކަމަށެވެ. ނަމަވެސް ތަގްދީރުގައިވަނީ 'ރިހުން'ކަން އެނގޭތީ އެކަކު އަނެކަކު އެ ހަގީގަތަށް އިހްތިރާމް ކުރުމަށް ނިންމީ އެވެ. 

ޝައްޔާންގެ މޭގައި ބޯ އަޅާލައިގެން އޮވެފައި މަޑުމަޑުން އިސްއުފުލާލާފައި އަމާރާ ބަލައިލީ ޝައްޔާންގެ ލޮލަށެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިގެންވީ ބެލުމެކެވެ. ނަމަވެސް ހިމޭންކަން ނޫނީ މާހައުލުގައި ނެތެވެ. 

މަޑުމަޑުން އަމާރާ ތެދުވި ވަގުތުގައި ޝައްޔާންގެ ކަނދުރާގައި އޭނާގެ ތުންފަތް ބީހިލި އެވެ. ޝައްޔާންގެ ގައިން ކޮޅަށް ނުޖެހޭ އެންމެ ހިމަ ލޯލިއެއްވެސް ނެތްކަން އޭނާއަށް ޔަގީނެވެ. ފަސްއެނބުރި ބަލައިވެސް ނުލައި ގޮސް އަމާރާ ވަނީ ބަދިގެއަށެވެ.

އަމާރާގެ ތުންފަތް ބީހުނު ތާގައި ޝައްޔާން ފިރުމާލި އެވެ. މޮޔައެއް ފަދައިން ހިނިއައިސްފައި އިނދެވުނުކަން އެނގުނީވެސް އަނިޔާވެފައިވާ އަތަށް ތަދުވެ، ވިންދުޖަހާން ފެށުމުންނެވެ.

ތުންފަތްމަތީން ފެނުނު އުފާވެރި ހިނިތުންވުމާއެކު ޝައްޔާން، އޭނާގެ އަތުގައި ފިރުމާލި އެވެ. ހިތާއިހިތުން ބުނެލި އެވެ. 

'މިއަނިޔާއާއި މި ތަދުގެ ސަބަބުން ތިމަންނާގެ ނަސީބުގެ ތަރި ބަބުޅާލައިފި އެވެ.' 

....................

މަހެއްހައި ދުވަސް ފަހެވެ.

އަމާރާގެ މަސައްކަތުގައި ހޮސްޕިޓަލުގައި އުޅޭތާ ހަ ގަޑީރު ފާއިތުވެގެން ހިނގައްޖެ އެވެ. ގެއަށް ދެވޭނެ އިރެއް އަދިވެސް ނޭގެ އެވެ. އޭނާގެ ބަލިމީހުންގެ ރެކޯޑް ފައިލްތައް ބަލައި، ކެބިންތެރެއިން ނިކުތީ ރިސެޕްޝަނުން ފޯނު ނުނެގީމަ އެވެ. ބޭރަށް ނިކުތްއިރު ޑިޕާޓްމެންޓް ޑިއުޓީގައި ތިބި ގިނަ ނަރުހުން ތިބީ 'އޮލަ ވާހަކައެއްގައި' ރިސެޕްޝަނުގަ އެވެ. 

އެމީހުންގެ މައުލޫއުއަށް ކުޑަވެސް ސަމާލުކަމެއް އަމާރާގެ ނެތެވެ. ނަމަވެސް ރިސެޕްޝަނާއި އަރާހަމަވި ވަގުތު ކަންފަތުގައި ޖެހުނު ޖުމުލައަކުން އަމާރާ ހުއްޓުން އެރި އެވެ.

(ނުނިމޭ)

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް