ނަމަވެސް މިއަދު ރާއްޖޭގެ ހާލަތު މުޅިން ބަދަލުވެއްޖެ ނޫން ހެއްޔެވެ. މުޒާހަރާކޮށް އިންގިލާބު ގެންނަހާ ވަރުގަދަ އިގްތިސޯދެއް ގައުމަކު ނެތެވެ. މުޒާހަރާ އިން ހައްޔަރުކޮށް ޖަލު ބަންދަށް ޖެހުމުން އަނބިދަރިން ތިބެނީ ނުކަ އެވެ. އެނބުރި ޖަލުން އަންނައިރު ވަޒީފާ އޮންނަނީ ގެއްލިފަ އެވެ. އަދި ވަޒީފާ އަކަށް ދާން އެދޭ މީހާ ވެސް ހުންނަނީ މާލީ "ބަންދެއް" ގައި އެވެ. ވަޒީފާ އާއި ގޭތެރޭގެ މަސައްކަތުގައި އެންމެން ވެސް މިހާރު ވަރަށް ބިޒީ ވެއްޖެ އެވެ. އެކަކަކަށް ވެސް ވަގުތެއް ނެތެވެ. އަދި ވަކިން ހާއްސަކޮށް އިސްލާހީ ހަރާކާތެއް "މަގުމަތީ" ތިބެގެން ހިންގާ ވަރަށް ވުރެއް ރައްޔިތުންގެ ހޭލުންތެރިކަން ވެސް މިހާރު ތަފާތު ވެއްޖެ އެވެ. އަމީނާ، ނާސިރާ އަދި މައުމޫނުގެ ވެރިކަން ބަދަލުކުރަން ރައްޔިތުން މަގުތަކަށް އެ ވަރަށް ނުކުތް ހެން ދެން ނުނިކުމެދާނެ އެވެ.
މި ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެއް ކަމެއް އަދި ވެސް ދިވެހިންގެ ތެރޭގައި ބަދަލުނުވެ އެބަ އޮތެވެ. އެއީ ގޯސް ހެދުމުން "ވެރިމީހާ"ގެ ގޮތުގައި ދިވެހިން މުހާތަބު ކުރާ އެންމެ އިސް ހާދިމް ނުވަތަ އެންމެ އިސް ހިންގުންތެރިޔާ ބަދަލު ކުރުމުގެ ރޫހެވެ. އެކަން ފެހި ގާނޫނު އަސާސީން ވެރިކަން ހޯދި ކޮންމެ ވެރިއަކު ވެސް އެދަނީ ތަޖުރިބާ ކުރަމުން ނެވެ. ރައްޔިތުންނަށް ބަސް ބުނަން ލިބޭ ކޮންމެ ސިކުންތަކު ވެރިމީހާ އެބަ ބަދަލުކޮށްލަ އެވެ. ރައްޔިތުންނަށް ދޮގުހަދާ ހަޒާނާއިން ވައްކަންކޮށް ދައުލަތުގެ ތެރޭގައި "ޗޯރުން" ގިނަ ވެއްޖެ ނަމަ ރައްޔިތުން އެ ވެރިއަކު ބަދަލު ކުރަނީ އެވެ.
މިހާރު ފެންނަ ދައުލަތް ހިންގުމުގެ އޮނިގަނޑުން ފެންނަ އެންމެ ބޮޑު "ކޮރު" ކަމަކީ ގޯސް ހެދި ނަމަވެސް އެ ގޯސް ހެދި ސަރުކާރު ޒިންމަދާރު ކުރެވޭނެ މަގެއް ނުލިބި، އަދި އެ ސަރުކާރަކާ މެދު ފެންނަ ނުފެންނަ ނެގޭނެ ގޮތެއް ސީދާ ރައްޔިތުންނަށް ނުލިބުމެވެ. އެކަމުގެ ފައިދާ ނަގައިގެން ސިޔާސީން ކުރާ ކަމަކީ ދައުލަތް ފަސް އަހަރަށް ހިސޯރުކޮށްގެން ބޭނުންހާ ކަމެއްކޮށްލަކޮށްލާ ތިބެނީ އެވެ. މި ކަން ބަދަލުކުރަން މުޒާހަރާ ކުރަން ފެށުމުން ސަލާމަތީ ހިދުމަތްތަކަށް ވެސް ގޯސް ވަނީ ރައްޔިތުން ނެވެ. ހައްޔަރުކޮށް ޖަލަށް ލަނީ އެވެ. މިގޮތް ދިވެހި ކޮންމެ އާއިލާއަކަށް "އެފޯޑަބަލް" އެއް ނޫނެވެ.
އިންތިހާބެއްގައި އޮފިޝަލުން ވޯޓު ގުނަނީ - ފޮޓޯ: އިލެކްޝަން ކޮމިޝަން
މިހެން ހެދުމުން ބޮޑު މުޒާހަރާއެއް ބާއްވާކަށް ނުޖެހޭނެ އެވެ. ކުއްލިއަކަށް ކޮމާންޑަރުން ބަދަލު ކުރާކަށް ވެސް ނުޖެހޭނެ އެވެ. އަދި ސޮނިކް ވެޕަން އާއި ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރާކަށް ނުޖެހޭނެ އެވެ، ރައްޔިތުންނަށް ދޭންވީ ފެންނަ ނުފެންނަ ވޯޓް ނެގުމަށް ވޯޓް ކަރުދާސް ކޮޅެކެވެ. ބާއްވަންވީ ރިޔާސީ އިންތިހާބުގެ މެދުން މެޑްޓާމް އިލެކްޝަނެވެ. އޭރުން ރައްޔިތުންނަށް ފެންނަ ފާހަގައެއް ޖަހާނެ އެވެ. މިއަށް ވުރެ ވަކިން ރަނގަޅު "ވޯމްއަޕް" އެއް ނެތެވެ.
ރާއްޖޭގައި މިހާރު މި އޮތް ހިންގުމުގެ އޮނިގަނޑު ގެންނަން، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި ވަރުގަދަ "އިސްލާހީ" ހަރަކާތުގެ ފޯކަސް އަކަށްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިގު ވެރިކަން ނިންމުމެވެ. ނަމަވެސް މައުމޫނުގެ 30 އަހަރުވީ ވެރިކަން ނިމިގެން ގޮސް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެވިގެން މިނިވަން މުއައްސަސާތައް އުފައްދައިގެން ސަރުކާރު ހިންގަން ފުރުސަތު ލިބުނު ނަމަވެސް، ފެހި ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހްލާސްތެރި މީހުން އިނގިލިން ގުނާލެވޭހާ ވެސް މަދު ބަޔަކަށް ވެ، ތަސައްވަރު ކުރި ރާއްޖެ ނުލިބުމުގެ "ބަހުސް" މިއަދު ވަނީ ފަށަން ޖެހިފަ އެވެ.
މިހެން މި ދެންނެވީ އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ސަރުކާރާއި އަދި މިހާރު ޕީއެންސީގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ވެސް ނު ހޯދިގެން މި އުޅެނީ ރައްޔިތުން "އެދޭ ރާއްޖެ" އެވެ. އެއީ ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ރައްޔިތުންނަށް ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެކެވެ.
މިހެން މިވީ ރައްޔިތުންގެ އަގުލަބިއްޔަތުން ވެރިކަމަށް އަންނަ މީހާގެ ދެ ވަނަ ދައުރެއްގެ "އެދުން" ވެރިކަމުގެ ވޭނުން ދިވެހި ދައުލަތާއި ސަރުކާރަށް އަދި ރައްޔިތުންނަށް ލިބުނު ގެއްލުން ބޮޑުވުމެވެ. ޑިމޮކްރެސީގެ އެއް ތޮބީއަތުން ދެއްކި ހަގީގަތަކީ މިއީ އެވެ. ނަމަވެސް އަގުލަބިއްޔަތުގެ ނިވަލުގައި ދައުލަތުން ބިލިއަނުން ލޫޓުވާތަން ބަލަން ތިބެވޭކަށް މިއަދަކުނެތެވެ.
މިހާރު ބޭނުން ވަނީ، ގާނޫނު އަސާސީގައި ވަކިކޮށްފައިވާ ހުރިހާ ބާރުތަކެއް، ވެރި މީހާގެ ގަދަބާރުން ގާނޫނު އަސާސީ އާއި ހިލާފަށް، ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނެވޭނެ އޮނިގަނޑެކެވެ. މަޖިލީހާއި ރައިސުލްޖުމްހޫރިއްޔާގެ އަޅުވެތިކަމުން މިނިވަންވެގެން އެ މީހުންގެ ނުފޫޒުން އެއްކިބައިވެގެން މުއައްސަސާ ހިންގޭނެ އޮނިގަނޑެކެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ހދ. ނޭކުރެންދޫގެ ވޯޓު ފޮއްޓަކަށް މީހަކު ވޯޓުލަނީ - ފައިލް ފޮޓޯ: ޕީޕީއެމް
މިކަން ކަމަށް ގޮވާލާ އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. އެ ހަރަކާތުން ގޮވާލައި މައިގަނޑު ގޮވާލުންތަކުގެތެރޭގައި ހިމެނެނީ:
މިކަންކަން ތަންފީޒު ކުރުމަށް ވަކާލާތު ކުރާ މީހާއަކީ ނުވަތަ މީހުންނަކީ "އިންތިގާލީ މަރުހަލާއެއް" އޮވެގެން ނޫނީ ދެން ވެސް ރާއްޖެ ބަދަލު ނުކުރެވޭނެ ކަމަށް އެއް ބަސްވާ މީހާ ނުވަތަ މީހުންނަށްވާން ޖެހެވެ. އެމީހާ ނުވަތަ އެ މީހުންނަކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރާ މީހާ ނުވަތަ މީހުންނަށް ވެސް ވާނެ ޖެހޭނެ ކަމަށް ފެނެ އެވެ.
ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް ރައްޔިތުންގެ އަތްމަތީގައި ދެމި އޮންނަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް އެކަށައަޅައި، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑެއް މިހިނދަށް ގެންނަން ޖެހެ އެވެ. އެހެން ނޫން ނަމަ މުޒަހަރާތައް ގިނަވެ ލިބޭ ގެއްލުން ބޮޑުވެ އަގު އަދާ ނުކުރެވޭވަރުގެ ގެއްލުންތަކާ ގައުމު ކުރިމަތިލާން ޖެހިދާނެ އެވެ.