ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ފުލުހުން މި ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މީހުންނަށް ކުރި އަސަރު ހާމަކޮށްފައިވެ އެވެ. އޭގެތެރޭގައި މުޒާހަރާގެ ބައިވެރިންނާއި އާންމު ރައްޔިތުންނަށް ދިމާވި ދަތިތަކާއި ސިއްހީ ގެއްލުންތައް ފާހަގަކޮށްފައިވެ އެވެ.
އެލްރެޑު ބޭނުން ކުރުމުން ބޭރުފުށުން އަނިޔާއެއް ނުވި ނަމަވެސް ނަފުސާނީ ގޮތުންނާއި އަޑުއިވުމުގެ ހިއްސަށް ލިބޭ ގެއްލުން ބޮޑެވެ. މި ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރު ވުމުގެ ފުރުސަތު އޮންނަ ކަމަށް ބޭރު ސިއްހީ ޖަމިއްޔާތަކުން ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ގަދަ އަޑުގެ ސަބަބުން ކަންފަތަށް ގުޑުން އަރައި، ރިންގިން އަޑެއް އިވިއިވި ހުރުމާއި ކަންފަތަށް ތަދުވުން އަދި ބޮލުގައި ރިއްސުމާއި ބޯ އެނބުރުން އަދި ނަފުސާނީ އެތައް ގެއްލުމެއް ވެސް ލިބެ އެވެ. އެ ރޭ އެތަނުގައި ތިބި ގިނަ ބަޔަކު ވަނީ މިފަދަ ކަންކަން ދިމާވި ކަމަށް ބުނެފަ އެވެ.
ކުއްލި މައްސަލައިގައި ވަނީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް މިކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށެވެ.
މި އާލާތަކީ މާ ކައިރީގައި ބަހައްޓައިގެން ބޭނުންކޮށްފި ނަމަ ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭނެ އެއްޗެކެވެ. ރޭގައި ފުލުހުން މި އާލާތް ބޭނުންކުރީ އާންމުންނާއި ފުލުހުންނާ ދެމެދުގައި ޝީލްޑް ޖަހައިފައި ހުރި ހިސާބުގައި ތިބެގެންނެވެ. މީގެން އިވޭ އަޑުގެ ސަބަބުން ކަންފަތަށް ވަރަށް ބޮޑަށް ތަދުވެ، ދާއިމަށް ބީރުވުމުގެ ބިރު ވެސް އޮވެ އެވެ.
އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.
ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.