މިނިސްޓަރު ނާޒިމް މިއަދު މިހެން ވިދާޅުވީ ސަރުކާރުގެ އައިނު ފިހާރައާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.
މެންބަރު ވަނީ އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރަން ނިންމީ ކީއްވެތޯ އާއި އައިނު ފިހާރަ ހިންގަން ފަށަށް ހަރަދުވި އަދަދާއި އަހަރެއްގެ މައްޗަށް ވިޔަފާރި ހިންގަން ހިނގާނެ ހަރަދާ ގުޅޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
މި ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބުގައި ނާޒިމް ވިދާޅުވީ، ސަރުކާރުން އައިނުގެ ޚިދުމަތްދެމުން ގެންދަނީ ވިޔަފާރީގެ އުސޫލުން ނޫން ކަމަށެވެ. އަދި އެ ހިދުމަތްދެނީ އާސަންދައިގެ ދަށުން ކޮންމެ ދެ އަހަރުން އެއް ފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2،000 ރުފިޔާގެ ތެރެއިން ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އައިނު ފިހާރައިގެ ހިދުމަތް އައިޖީއެމްއެޗްގައި ގާއިމްކުރުމަށް ޓަކައި 2.06 މިލިއަން ރުފިޔާ ހަރަދުވިކަމަށާއި، 3.46 މިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ކޮންމެ އަހަރަކު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އައިނުގެ ވިޔަފާރިގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން މިދިޔަ މެއި މަހުގެ ފަހުކޮޅު އިއުލާންކުރެއްވީ ރައީސް މުއިއްޒެވެ.
އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1000ރ. ވެސް މިދިޔަ މަހުން ފެށިގެން ވަނީ 2،000ރ. އަށް ބޮޑުކޮށްފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.