ހަބަރު ލިބިފައިވާ ގޮތުގައި މިދިޔަ ދެ ދުވަހު ހިނގި އަލިފާނުގެ ހާދިސާތަކުގައި އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގެ ބޮޑުބައެއް އަންދާފައިވެ އެވެ. ހޮނިހިރު ދުވަހު މެންދުރު ފަހު ރޯވި އަލިފާންގަނޑު ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނާއި އާންމުންގެ މަސައްކަތުން ނިއްވާލެވުނީ ތިން ގަޑިިއިރެއްހާއިރު ވީ ފަހުންނެވެ.
މުޅި ކުޅި އާއި އެތަނުގެ %80 މިހާރު ވަނީ އަނދާފައި އެވެ. ބެލެވެނީ ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް މަތިިކިޅި އާއި އިކޯގާޑެން ބަލަހައްޓާ ޖަމިއްޔާ، މަތިކިޅި ސޮސައިޓީން ގަބޫލުކުރެ އެވެ.
މަތިކިޅީގައި މީގެ ކުރިން ވެސް އަލިފާނުގައި ހާދިސާތައް ހިނގާފައިވެ އެވެ. މިދިޔަ މާޗު މަހު ވެސް އެތަނުގައި ރޯވި އެވެ. އެކަމަކު، އެންމެ ބޮޑަށް ރޯވީ މިފަހަރު އެވެ.
ސަރުކާރުން 2020 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ މަތިކިޅި އަކީ 54 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އަދި ރާއްޖޭގެ އެންމެ ބޮޑެތި ޗަސްބިންތަކުގެ ތެރެއިން އެއް ތަނެވެ.
އެ ކުޅީގައި އޮޅުއަލަ އާއި ކާފަރުބުރު ގިނަ އަދަދަކަށް ހެދިފައި އޮވެ އެވެ. ދޫނީގެ އެކި ވައްތަރުތައް ތިރިކޮށް ހަދައި އެތަނުން ގިނަ އަދަދެއްގެ ކުޅީކުކުޅާއި ކަނބިލި ފެނެ އެވެ.