ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް އދ. ދިއްދޫގައި މިއަދު ވަނީ ފަށައިފައެވެ. އެ ރަށުގައި މި ހިދުމަތް މިއަދު ފަށްޓަވައިދެއްވީ އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސާއި ވަޒީރުންގެ އިތުރުން ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ބީއެމްއެލުން ބުނީ، ދިއްދޫގެ އިތުރުން ފެންފުއްޓާއި ކުނބުރުދުއާއި މަންދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، މުޅި އދ. އަތޮޅަށް މި ހަފުތާގެ ތެރޭ އެ ޚިދުމަތް އެއްކޮށް ފުޅާކޮށް ނިމޭނެ ކަމަށެވެ.
ބީއެމްއެލް އިން މިފަހުން ވަނީ ރ. އަތޮޅުގައި ނުވަ އޭޓީއެމެއްގެ ހިދުމަތް ފަށައިފަ އެވެ. ގިނަ ރަށްތަކެއްގައި އޭޓީއެމް ނުބަހައްޓާ އިރު ބީއެމްއެލްގެ ހިދުމަތް ރަށްތަަކަށް ދެމުން އައީ މޯބައިލް ބޭންކިން އުޅަނދުތައް ފޮނުވައިގެންނާއި ރަށު އެޖެންޓުން މެދުވެރިކޮށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތަކުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާއި ހަމައަށް 83 އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި އެ މެޝިންތައް މެދުވެރިކޮށް މިހާތަނަށް 122،000 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 189 ސެލްފްސާވިސް ބޭންކިން ސެންޓަރު، 247 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.