ރާއްޖެއިން ބޭރުކުރާ މަހުގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެ، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި 27،000 މެޓްރިކް ޓަނަށްވުރެ ގިނަ މަސް އިތުރަށް އެކްސްޕޯޓްކޮށްފައިވާ ކަމަށް އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ ގާތްގަނޑަކަށް 90 ޕަސަންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން ވަނީ 57،318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބޭރުކޮށްފައިވަނީ 30،125 މެޓްރިކް ޓަނުގެ މަހެވެ. މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއްކުރީ ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވުމެވެ. އެގޮތުން މި އަހަރު 45،413 ޓަނުގެ ކަޅުބިލަ މަސް ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ބޭރުކުރީ އެންމެ 18،346 ޓަނެވެ.
ކަޅުބިލަ މަހުގެ އިތުރުން، ރީނދޫ އުރަހަ ކަންނެލި އަދި ދަޅުގައި ބަންދުކުރި މަހުގެ އެކްސްޕޯޓްވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 6،105 ޓަނުގެ ރީނދޫ އުރަހަ ކަންނެލި އަދި 4،081 ޓަނުގެ މަސްދަޅާއި ޕޯޗްޑް މަސް ވަނީ ބޭރުކޮށްފަ އެވެ. މި ތަފާސްހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ހަލުވި ކުރިއެރުމެކެވެ.