ads
ގާސިމް އިބްރާހިމް
ގާސިމްގެ ހޫނު ރައްދެއް ޔާމީނަށް: ކާޑެއްދޫ އަތުލީ އަނިޔާވެރިކޮށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
Advertisement

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ހޫނު ރައްދެއް ދެއްވައިފިއެވެ. ގާސިމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި, އޭނާގެ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓު, ސަރުކާރުން އަނބުރާ އަތުލީ ސިޔާސީ ބޭނުމެއްގައި ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް އިންސާފު ހޯދައިދެއްވަން އުޅުއްވުމުން ރައީސް ޔާމީން ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އދ. މާމިގިލީގައި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ގާސިމް މިހެން ވިދާޅުވީ, ކާޑެއްދޫގެ ބަދަލު ދިނުމަށް ސަރުކާރުން ނިންމުމުން ޔާމީން އެކަމާ ގުޅުވައި ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ގާސިމް ވިދާޅުވީ, ކާޑެއްދޫ އެއާޕޯޓަކީ ހިންގުމުގެ ހަރަދު ބޮޑުވެ, އޭރުގެ ސަރުކާރަށް ބުރައަކަށް ވުމުން ވިލާ ކުންފުންޏާ ހަވާލުކުރި ތަނެއް ކަމަށެވެ. ނަމަވެސް ފަހުން އެއްވެސް އިންސާފަކާ ނުލައި, ސިޔާސީ ނިޔަތެއްގައި އެއާޕޯޓު އަތުލީކަން ހުދު ޔާމީންވެސް ގަބޫލުފުޅުކުރައްވާނެ ކަމަށާއި, އެއީ އަނިޔާވެރި ވެރިންގެ ސިފައެއް ކަމަށް ގާސިމް ސިފަކުރެއްވިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާގެ ތާއީދާ އެކު ޔާމީނަށް ވެރިކަން ހޯދައިދިނީވެސް އޭނާކަން ގާސިމް ހަނދާންކޮށްދެއްވިއެވެ. ފުރަތަމަ ބުރުގައި ދެ ބޭފުޅުންނަށްވެސް ލިބުނީ 25 ޕަސަންޓު ކަމަށާއި, ގިނަ ބައެއްގެ މަސައްކަތުން ދެވަނަ ބުރުން ޔާމީން ކުރި ހޯއްދެވީ އޭނާގެ އެހީތެރިކަމާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ނ. މާފަރު އެއާޕޯޓު އަބޫ ދާބީގެ ކުންފުންޏަކަށް ދިނުމަށްޓަކައި, އެތަން ހިންގަމުން އައި ސަން ޓްރެވަލްގެ ވެރިޔާ އަހުމަދު ސިޔާމަށް 10 މިލިއަން ޑޮލަރުގެ ބަދަލެއް ދެއްވިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ސުވާލު އުފެއްދެވީ, އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައި ނެތް ތަނަކަށް އެހާ ބޮޑު އަދަދެއް ދިނީ ކީއްވެގެންތޯއެވެ. އެންމެ ފަހުން ސިޔާމަށްވެސް ޔާމީން ދެއްވީ "ލަގާއެއް" ކަމަށާއި, އެހެން މީހަކު އިންސާފަށް ކަމެއް ކޮށްފިނަމަ ޔާމީނަށް ވަރަށް ބޮޑަށް އަސަރުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް