އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގެ ރައްޔިތުންގެ އެދުމުގެ މަތިން، އެރަށާ ކައިރީގައިވާ ފޮފަޅަގައު ފަޅު އެރަށުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ އެރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ.
ކުނބުރުދޫގެ ރައްޔިތުން މިކަމަށް އެދިފައި ވަނީ އެރަށުގައި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެގޮތުން އާބާދީ އިތުރުވުމާ އެކު ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށާއި، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިގްތިސާދީ ފުރުސަތުތައް ފަހިކުރުމަށް ފޮފަޅަގައު ބޭނުންކުރެވިދާނެ ކަމަށް އެރަށުގެ ރައްޔިތުން ވަނީ ސަރުކާރުގައި ދަންނަވާފަ އެވެ.
މި ނިންމެވުމާ ގުޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް ވަނީ އިސްލާހު ގެންނަވާފަ އެވެ. ރަށްރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ފަޅުރަށްތަކާއި ފަޅުތައް ރަށްރަށުގެ ބެލުމުގެ ދަށަށް ހަމަޖައްސަވައިދެއްވުމަކީ މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެކެވެ.