ads
ނޭނގި ހިތް ގެއްލުނީ - 32 ވަނަ ބައި
އެޕިސޯޑް 32
Advertisement

ރިސެޕްޝަނާއި އަރާހަމަވި ވަގުތު ކަންފަތުގައި ޖެހުނު ޖުމުލައަކުން އަމާރާ ހުއްޓުން އެރި އެވެ.

"ޝައްޔާން ޔޫސުފް ރައިޒާދުގެ އެންމެ ފަހުގެ ފިލްމް ބަލައިފިންތަ..؟" އެއީ ނަރުހެއްގެ ނުވަތަ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އަޑެއް ނޫނެވެ. 

ބަލިވެގެން ފަރުވާ ހޯދުމަށް އައިސްހުރި ބަލިމީހަކު އޭނާގެ ރައްޓެއްސެއް ކައިރިން އަހައިލި ސުވާލެކެވެ. 

"އޯ-އެމް-ޖީ—ޔެސް!! ހާދަ މޮޅޭ.. އެ 'ފައިޓް ސީން'ގަ ހީ ލުކްސް ސޯ 'ސކސ'..! ޖަޒްބާތާއި އަސަރުން ފުރިފައިވި ޑައިލޮގްތައް ކިޔާލާއިރުވެސް ހީވަނީ، އަހަރެންގެ ކުރިމަތީގައި ޝައްޔާން ހުރެގެން ވާހަކަދައްކާލާހެން...! އަހަރެންގެ ކަނދުރާއާއި މުޅި ގައިން ހީބިހިނަގާ އެމަންޒަރުތައް ހިތައް އެރިޔަސް.. ޝައްޔާން ހާދަހައި މޮޅޭ..! އެންޑް ހީ އިޒް ސޯ ހޭންޑްސަމް..!" އުފަލުން ފޮޅިފައި އޭނާގެ އެކުވެރިޔާ ޖަވާބުދިނެވެ. 

ތަލިން ކުޅުހިކިފައި އަމާރާއަށް އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އަންތަރީސްވެފައި އެވެ. 

އަމާރާގެ އަތުގައި އޮތް ގަލަން ތުރުތުރުއަޅަންފެށި އެވެ. ނުދަންނަ ރިހުމަކުން މޭގައި ގަދަ ވިންދެއް ޖަހައިލި އެވެ. ދުވަހަކުވެސް ދެކިފައިނުވާ ބައެއްގެ ދުލުން ޝައްޔާންއާއިމެދު އެފަދަ ވާހަކަތަކެއް އަޑުއެހުމަށް އަމާރާ ތައްޔާރެއް ނޫނެވެ. ނުވަތަ ހިތުގައި ހަސަދަ އުފެދުނީ އެވެ. 

ސަބަބެއް ނެތަސް ހިތުގައި ހަސަދައެއް އުފެދިދާނެތޯ އަމާރާ ސުވާލު އުފެއްދީވެސް އޭނާގެ އަމިއްލަ ނަފުސާ އެވެ. 

ހިތުގައި ލާންވީ ހަސަދައެއް ނޫންކަމާއި ޝައްޔާންގެ ނަން، އެހެންމީހުންގެ ދުލުން ބޭނުންކުރާ އަޑު އެހުމަށް އަމާރާގެ ކަންފަތް ފަރިތަވާންޖެހޭ އެވެ. ޝައްޔާންއަކީ ސްޕާސްޓާރެކެވެ. އެއީ ހަމައެކަނި މި ރާއްޖެއިން އޭނާ ހޯދާފައިވާ މަގުބޫލްކަމެއް ނޫނެވެ. މުޅި އޭޝިޔާގައިވެސް 'ޝައްޔާން'އަކީ މަޝްހޫރު ނަމެކެވެ. 

އުފާވެރިކަމުގެ ލުއި ހިނިތުންވުމެއް އަމާރާގެ ތުންފަތްމަތީން ފެނިލި އެވެ. ޝައްޔާންއަށްޓަކައި އަމާރާ ފަހުރުވެރިވެ، އޭނާގެ ބުރަ މަސައްކަތަށް 'އާންމުން' ތައުރީފްކުރުމަކީ ޝައްޔާންގެ މަސައްކަތުގެ ފުރިހަމަކަމާއި އޭނާގެ ކުޅަދާނަކަމާއި ގާބިލުކަމުގެ ހެކިކަމަށް އަމާރާ ގަބޫލުކޮށްފި އެވެ. 

"ޑޮކްޓަރ އަމާރާ، ޝައްޔާންއަކީ ޑޮކްޓަރގެ ރައްޓެއްސެއް ދެއްތޯ..؟" ކައުންޓަރާއި ދާދިކައރިން ދެކެވެމުންދިޔަ ވާހަކަ އަޑުއެހި ނަރުހަކު އަމާރާއާއި އެ ސުވާލުކުރީ ސަބަބެއް ނެތިއެއް ނޫނެވެ.

"އަހ...؟ ކީކޭ..؟" ކުއްލިޔަކަށް އަމާރާ ބުނެލި އެވެ.

"ކަމް'އޯން... ޑޮކްޓަރ..! ކިތަންމެ ފަހަރަކު އަޅުގަނޑު ޝައްޔާން ދުށިން، ޑޮކްޓަރގެ ކެބިން ތެރެއިންވެސް! މުޅި އިންޓަރނެޓްގައި އެއޮތީ ތޫފާނެއް އުފެދިފައި..  ޝައްޔާންގެ ހަޔާތުގައި 'މިސްޓީރިއަސް ގަރލް'އަކީ ކާކުކަން ނޭގިގެން..! އެކަމާބެހޭގޮތުން ޑޮކްޓަރއަށް އެއްވެސް އެއްޗެއް އެނގިލައްވާތޯ؟" ނަރުސް ސުވާލުކުރީ ހިނިއައިސްފައިހުރެ އެވެ.

"ހެހެހެހެ... ސޫޒީ..! ޑޮކްޓަރ އަމާރާއަކީ ތިޔަކަހަލަ ކަންކަމާއި ވިސްނަވާ ބޭފުޅެއް ނޫން.. ފިލްމެއްވެސް ނުބައްލަވާނެ..!" ރިސެޕްޝަނުތެރެއިން އިތުރު ނަރުހަކު ބުނެލި އެވެ.

އަމާރާގެ ކަރު ކެހިލާފައި ނިއްކުރިއާއި ދިމާއިން މޫނަށް އަމާޒުވަމުންދިޔަ އިސްތަށިކޮޅު ރަގަޅުކޮށްލީ ހަތަރެސްފައި ފިނިވާން ފެށީމަ އެވެ. ސީދާސީދަލަށް އަމާޒުކުރި ސުވާލުގެ ޖަވާބުވެސް އަމާރާއަށް ދެވެން ނެތީ އެވެ. ދޮގު ހެދުމަކީ އަމާރާގެ އުސޫލާއި ތަބީއަތުގައިވެސް ހުރި ކަންކަމެއް ނޫނެވެ. ނަމަވެސް މިހާރު އަމާރާގެ ރެއާއި ދުވާލުން ބާރަގަޑީރުވެސް ދޮގަކާއި ނުލައި ހޭދަނުވެ އެވެ. 

އަވަސް އަވަހަށް އެތަނުން ދުރަށް ދެވޭތޯ އަމާރާ ތެޅިގަތެވެ.

ކެބިންއަށް ވަދެފައި ފައިލްތަށް ކުރިމަތީގައި ބެހެއްޓިޔަސް، އެއިން މަސައްކަތަކަށް އަމާރާގެ ޝައުގުވެރިކަމެއް މިވަގުތު ނެތެވެ.

ވިސްނާލި އެވެ.

ފިލްމެއް ފެށިގެން ނިމެންދެން ދުވަހަކު ބެލިފައިނެތަސް، މިފަހަރުގެ ޝައްޔާންގެ ފިލްމް އަމާރާ ބަލާނެ އެވެ.

އެތައްބައެއްގެ ދުލުން ޝައްޔާންއަށްޓަކައި ތައުރީފްތައް އޮހެނީ އެވެ. އެއިން މައުލޫއެއްގައި ބައިވެރިވާން ނުކެރުނަސް ޝައްޔާންގެ ކުޅަދާނަކަން އަމާރާގެ އަމިއްލަ ލޮލުން ފެންނާނެ ނޫންހެއްޔެވެ؟

...................

އިރުއޮއްސުމުގެ ކުރިން އަމާރާއަށް ގެއަށް އާދެވިއްޖެ އެވެ. ފެންވަރައިގެން ނަމާދުކޮށްގެން އެއްޗެއް ކައިނިމުނުއިރު ގަޑިން އަށެށް ޖެހުމާއި ގާތްވެއްޖެ އެވެ. 

ފެން ހޫނުކޮށްލައިގެން ކޮފީއެއް ހަދާލައިގެން އައިސް އަމާރާ އިށީނީ ސޯފާގަ އެވެ. ދާދި ގާތުގައި ހުރި އޭނާގެ ދަބަހުން ނަގާފައި މޭޒުމަތީގައި ލެޕްޓޮޕް ބައިންދާލީ ފަރުވާތެރިކަމާއެކު އެވެ.

އިންޓަނެޓްގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމުން ޝައްޔާންގެ ފިލްމް އަމާރާއަށް އަތުޖެހިއްޖެ އެވެ. ފިލްމް ފެށުމާއެކު ގަދައަޑުން މޭ ތެޅެން ފަށައިފި އެވެ. ހިތުވިންދު އަވަހީ އެވެ. 

ފިލްމް ފެށިގެން 'ހީރޯގެ އެންޓްރީ'އާއި ހަމައަށް ދެވުނުއިރު އޭގެ ތެރެއަށް އަމާރާ ވަދެ ނިމިއްޖެ އެވެ. އަތުގެ މުލައްދަނޑިއާއި ހަމައަށް އަތް އޮޅާލައިގެން ކަޅު ގަމީހެއްގައި ޝައްޔާންގެ ފުރަތަމަ ފެނިލުން އަމާރާ އާޝޯހްކޮށްލައިފި އެވެ.  މަޑުމަޑު ވައިރޯޅީގެ ރާގާއި އެއްވަރަށް ހެލިލަމުންދިޔަ  އިސްތަށިގަނޑާ، ސްލޯ މޯޝަންގައި ދައްކާލި ލޮލުގެ ދިގު އެސްފިޔަތަކުންވެސް ޝައްޔާންގެ މައްޗަށް ހިއްތަށް ފިދާކުރުމަށް ފުދެ އެވެ. 

ބުނެލި ކޮންމެ ލަފްޒަކަށް ޝައްޔާންގެ ތުންފަތުގެ ހަރަކާތް އަމާރާ ދީވާނާ ކޮށްލައިފި އެވެ. 'އެހެން މީހުންގެ' ހާލަކީ ކޮބައިހެއްޔެވެ؟

ފިލްމްގެ މަންޒަރުތައް ނިއުޅެމުންދިޔަ ވަރަކަށް އަމާރާގެ ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ފިލްމްގެ ތެރެއަށް ވަދެވިފައި އިންވަރުން، ރިންގުވަމުންދިޔަ ފޯނު ނެގުނު އިރެއްވެސް އަމާރާއަކަށް ނޭގެ އެވެ. ކަންފަތާއި ހަމައަށް ފޯނު އުފުލާލެވުނު އިރެއްވެސް ނޭގެ އެވެ. ފޯނުންވެސް ޝައްޔާންގެ އަޑެވެ. ފިލްމުގައިވެސް ޝައްޔާންގެ އަޑެވެ. އަތުގައި އޮތް ފޯނަށާއި ލެޕްޓޮޕް ސްކްރީނަށް އަމާރާ އެއިނީ ގެއްލިފަ އެވެ. 

"ޕްރިންސެސް... އަހަރެންގެ ފިލްމް ބަލަނީތަ..؟" ބަލަމުންދިޔަ ފިލްމްގު އަޑު، ފޯނުކޮށްގެން ހުރި ޝައްޔާންއަށް އިވިއްޖެ އެވެ. 

ޝައްޔާން ފޯނުން ދައްކަމުންދިޔަ ވާހަކަވެސް އަޑު ނީވެނީ އަމާރާ އަށެވެ. ފިލްމުގައި ޝައްޔާންގެ ކޮންމެ މަންޒަރެއް އެހައި ފުރިހަމަ އެވެ. ލޮލުގެ އެސްފިޔައެއް ތަޅުވާލަންވެސް އަމާރާ ބޭނުންނުވެފައި އެ އިންނަނީ ފިލްމުން ތަންކޮޅެއްވެސް ގެއްލި ދާނެތީ އެވެ. 

"އަހަރެންގެ ފިލްމުގެ އަޑު އެބަ އިވޭ..! ޕްރިންސެސް، ފިލްމް ބަލަނީތަ..؟" އުފަލުން ފޮޅިފައި ޝައްޔާން ސުވާލުކޮށްލި އެވެ. ލިބުނު އުފަލުގައި ޝާއްޔާންގެ 'ޕްރިންސެސް'އަށް ތަންކޮޅެއް ބާރަށްވެސް ގޮވައިލި އެވެ.

އަމާރާ ދިޔައީ ސިއްސައިގެންނެވެ.

"ވަޓް..!؟" އަމާރާގެ ހާލަތު އޭނާއަށްވެސް ވަޒަންނުކުރެވުނެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް