ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ ގަރާރަކުން އެ ކުންފުނީގެ ނަން މިއަދު ބަދަލުކުރެއްވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގު ޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުންޏަކީ އެއީ ކަމަށްވާތީ އެވެ.
އެ ތަސައްވުރުގެ ދަށުން، ރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0"ގެ ތަސައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޒީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ކަމަށް ގަރާރުގައި ވެއެވެ.
ޓެޖްނޮލޮޖީގެ ދާއިރާއިން ރާއްޖެ އިތުރަށް ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް ޓްރޭޑްނެޓްގެ ދަށުން އަންނަނީ ކުރައްވަމުންނެވެ. މިގޮތުން ރާއްޖޭގެ ހިންގުމުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 9 ކައުންސިލެއް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެކުންފުނިންވަނީ ފައްޓަވާފަ އެވެ. އަދި 40 ކައުންސިލަކުން އެކަމުގެ ޝައުގުވެރިކަން ފާޅުކޮށް އަންނަނީ އެކުންފުންޏާއެކު މަސައްކަތް ކުރަމުންނެވެ.