މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އާތްރޮސްކޮޕިކް ނީ ސާޖަރީ - ކަކުލު ހުޅުގެ ސާޖަރީއަށް ބޭނުންކުރި އާ ޓެކްނޮލޮޖީއާއެކު ބަލި މީހުންނަށް ސާޖަރީއަށްފަހު އަވަސް ރިކަވަރީއެއް ލިބިގެންދާނެކަމަށެވެ.
އޭނާ ވިދާޅުވީ މި ކުރިއެރުމަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ބަލިމީހުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުމާލެ ހޮސްޕިޓަލުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވިދާޅުވި އެވެ.
މި ސާޖަރީއަކީ ޓްރީޓޮޕް ހޮސްޕިޓަލުގައި ވެސް ކުރެވޭ ސާޖަރީއެކެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް މި ހިދުމަތް ފެށުމާއެކު، މިއީ ސަރުކާރު ހޮސްޕިޓަލަކުން މި ހިދުމަތް ފެށި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ހިދުމަތް ފުޅާކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސްކަމުގައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ހޮސްޕިޓަލަށް އިތުރު 10 ބުރީގެ އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.