މެލޭޝިއާ އެއަރލައިންސްއަށް ޓާމިނަލް އެކަކުން ހިދުމަތްދޭން ފެށުން ފާހަގަކުރުމަށް އެއާޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެގޮތުން މި ފްލައިޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
މީގެއިތުރުން އެ ފްލައިޓުން އައި ފަސިންޖަރުންނަށް މަރުހަބާ ކިޔުމަށް އެއާޕޯޓުން ފަސިންޖަރުންނަށް ފިނިފެންމާ ބަހާފަ އެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މެލޭޝިއާ އެއާލައިންސް މާލޭގެ ސްޓޭޝަން ހެޑް އަހުމަދު ހަނަމް ފާއިޒާއި އެމްއޭސީއެލް އާއި އެ އެއާލައިންގެ އިސްވެރިންނާއި އޮފިޝަލުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މިހާރު 10 އެއާ ލައިން އަކަށް އާ ފަސިންޖަރު ޓާމިނަލް އިން ހިދުމަށް ދެމުން އަންނައިރު، އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފެށީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1އަކީ ޒަމާނީ ގިނަ ހިދުމަތްތަކާއެކު ތަރައްގީކުރެވިފައިވާ ޓާމިނަލެކެވެ. އެގޮތުން މި ޓާމިލަނުގައި ޑިޕާޗާ ހޯލުގައި 47 ޗެކިން ކައުންޓަރު ހުންނައިރު، އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކްވެސް ވަނީ ބަހައްޓާފަ އެވެ. މީގެ އިތުރުން، މި ޓާމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ގާއިމްކޮށްފަ އެވެ.