ads
ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން މަރުޒޫގު
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމުން ލިބޭނީ ނިކަމެތިކަން: އަޒާން
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހެދުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
Advertisement

އައްޑޫ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމަށް ބުނެ މިފަދަ ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް އެ ސިޓީގައި ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު މިމަހުގެ 25 ގައި ނަގަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އައްޑޫގެ ވޯޓާ ގުޅޭ ގޮތުން، މިދިޔަ މަހު ރައީސް މުއިއްޒުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިދާރީ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފަށައިގަތުމުގެ ކުރިން އައްޑޫ މީހުން ބޭނުންވާ ގޮތް ބަލައި ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެހެންވެ، އެ ކަން ނިންމާނީ އައްޑޫ މީހުން ކަމަށާއި ރައްޔިތުން ގާތު ނާއްސަވައި އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުމީދޫއާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި ލިބެންޖެހޭ ސަމާލުކަން ވެސް ވަކިން އޮތުމުން އެ ރަށަށް ނުލިބޭ ކަމަށެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާތީ ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ.

މިކަމާ ގުޅިގެން މިރޭ އެކްސްގައި އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީންނަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަކި ވަކި ކައުންސިލް ހަދާ، މިހާރު މިއޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ މި ބާރުވެރިކަން އަހަރުމެންގެ އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމެއް،" އައްޑޫ ބަހުން ކުރެއްވި ޕޯސްޓުގައި އަޒާން ލިޔުއްވާފައިވެ އެވެ.

މި ވޯޓު ނަގަނީ ވެސް އައްޑޫ ހުޅުދޫ، މީދޫ އަދި ފޭދޫގަ އެވެ. ސަރުކާރުން ބުނި ގޮތުގައި، ވަކި ކައުންސިލެއް ހެދުމަށް އެދި ސަރުކާރަށް ހުށަހަޅާފައިވަނީ އައްޑޫގެ އެ ރަށްރަށުންނެވެ.

މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ވޯޓަށް އަހާއިރު، ފޭދޫގެ އާބާދީއަކީ 5،810 މީހުންނެވެ. ހުޅުދޫގައި 3,742 މީހުން ދިރިއުޅޭއިރު، މީދޫގައި އަންނަނީ 3،074 މީހުން ދިރިއުޅެ އެވެ.

އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަޒާން ފިޔަވައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ދަނީ އައްޑޫ ވަކިވަކި ކުރުމާ އެއްކޮޅަށް ވާހަކަ ދައްކަމުންނެވެ.

އެގޮތުން ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފެއްދުމަށް ތާއިދުކުރައްވައިފަ އެވެ. ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ކައުންސިލްތައް ވަކިކުރުމުން ލިބޭނެ ފައިދާތައް ބަޔާންކުރައްވައިފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްރަހުމާން ވެސް ވަނީ އެކަމަށް ތާއިދުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް