ads
އައްޑޫ ސިޓީ ހަންކެޑެ - ފޮޓޯ: ސަން
ހަންކެޑެގައި 1000 އެނދުގެ ރިސޯޓެއް ހަދަން ބީލަމަށް ހުޅުވާލައިފި
އައްޑޫ ސިޓީ ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. އެއީ ގާތްގަނޑަކަށް ހަތް ހެކްޓަރުގެ ސަރަހައްދެކެވެ.

މި މަޝްރޫއުއަށް ޝައުގުވެރިވާ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތު ސާފު ކުރުމަށް ވަނީ އެދިފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ ހަންކެޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމެވެ. އަދި ރައީސް މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަކީ ވެސް އަމާޒެއް ކަމަށް ތޯރިގު ވިދާޅުވި އެވެ.

ހަންކެޑެއަކީ ކުރީ ސަރުކާރުގައި އިންޓަގްރޭޓަޑް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، އެ ކޮންސެޕްޓް ތައްޔާރުކޮށް، މޯލްޑިވްސް ފަންޑު މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އާ ހަވާލުކޮށްގެން ފެށި ޕްރޮޖެކްޓެކެވެ.

އެމްއެފްއެމްސީން މި މަސައްކަތް ހަވާލުކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. މި ޕްރޮޖެކްޓު ހިންގަން ބޭންކް އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ވެސް އޮތީ ހަމަޖެހިފަ އެވެ.

މި ސަރުކާރުން ވަނީ ހަންކެޑެ ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން ފާހަގަކުރަން ކަމަށް ބުނެ، ނިމުނު ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ކުލަ ގަދަ ހަފުލާއެއް ވެސް ބާއްވާފަ އެވެ. ނަމަވެސް އެ ރަށުގެ ބައެއް ބިންތައް ސާފުކުރުން ފިޔަވައި މި ތަނުގައި ރިސޯޓެއް ތަރައްގީކުރުމުގެ އިތުރު މަސައްކަތެއް ނުހިނގަ އެވެ.

ހަންކެޑެ ޕްރޮޖެކްޓު މަޑުޖެހުނު މައިގަނޑު ސަބަބަކީ، ރައީސް މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވުމަށް ފަހު ޗައިނާއިން ނަގާފައި ހުރި ލޯނުތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފެށުމުން، އެ މަރުހަލާ ނިމެން ދެން ލޯނު އެއްބަސްވުމުގައި ސޮއިކުރުން ފަސްކުރުމުންނެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އޭގެފަހުން އެކި ސަރުކާރުތަކުން އެ މަޝްރޫއު ހިންގަން އިއުލާންކުރި ނަމަވެސް މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.

އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާނުކުރިއިރު، ށ. ނަލަންދޫގައި ރިސޯތު ތަރައްގީ ކުރުމަށް ވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ. 

ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރެވިގެން ދިޔުމަކީ، ށ. އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، އަންނަ މަހުގެ 12 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ރަށާ ގުޅޭ މައުލޫމަތު ދިނުން އޮންނާނީ މި މަހުގެ 23ގައި، ވާޗުއަލްކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް