ads
ނޭނގި ހިތް ގެއްލުނީ - 33 ވަނަ ބައި
އެޕިސޯޑް 33
Advertisement

"އަހަރެންގެ ފިލްމުގެ އަޑު އެބަ އިވޭ..! ޕްރިންސެސް، ފިލްމް ބަލަނީތަ..؟" އުފަލުން ފޮޅިފައި ޝައްޔާން ސުވާލުކޮށްލި އެވެ. ލިބުނު އުފަލުގައި ޝާއްޔާންގެ 'ޕްރިންސެސް'އަށް ތަންކޮޅެއް ބާރަށްވެސް ގޮވައިލި އެވެ.

އަމާރާ ދިޔައީ ސިއްސައިގެންނެވެ.

"ވަޓް..!؟" އަމާރާގެ ހާލަތު އޭނާއަށްވެސް ވަޒަންނުކުރެވުނެވެ. 

"ޕްރިންސެސް، އެއްބަސްވޭ..! އަހަރެންގެ ފިލްމް ޕްރިންސެސްއަށް ކަމުގޮސްފި.. ނޫންތަ..؟" ހަގީގަތުގައިވެސް ޝައްޔާން އުފާވެއްޖެ އެވެ. އޭނާގެ ފިލްމެއް އަމާރާ ބެލިކަމެއް މި ނޫނީ އޭނާއަށް އަދި ޔަގީނެއް ނުވެ އެވެ.

"ބައެއް ތަންކޮޅުކޮޅު ވަރަށް ރަގަޅު..!" ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިންނަފަދަ ގޮތަކަށް އަމާރާ ބުނެލި އެވެ.

"ކޮންތަނެއް..؟ ކިހާ ހިސާބެއް..؟ ވަކި ސީންއެއްތަ..؟" ފުލުފުލުގައި ޝައްޔާންގެ ސުވާލުތައް އަމުނާލި އެވެ.

"ހޫމްމްމްމމމ... ބައެއް ހިސާބުތަކުން ފެނުނު ގުދުރަތީ މަންޒަރުތައް ވަރަށް ރީތި... ޖުމުލަކޮށް ބެކްގްރައުންޑް މިއުޒިކް ވަރަށް ހިއްގައިމު..!" އަމާރާގެ އަޑާއި ރާގުގައި ހުރި ސަމާސާ މިޒާޖު ފޮރުވުމެއްނެތި ހާމަވި އެވެ.

"އަ-މާ-ރާ" ތަންކޮޅެއް ބާރަށް، އަކުރުތަކަށް ދަމާލާފައި ޝައްޔާން އަމާރާއަށް ގޮވައިލީ ބަރު އަޑަކުންނެވެ.

"ފައިން..! އެއްވެސް މަންޒަރެއްގައި ޝައްޔާންގެ ހުށަހެޅުން ގޯހެއް  ނޫން..! މިހާރު އުފާވެއްޖެތަ؟" ޝައްޔާން އުފާކޮށްލުމަށް އަމާރާގެ ރާގު ބަދަލުކޮށްލި އެވެ. ސީދާ ސީދާ ތައުރީފު ކުރުމަކީ އަމާރާއަށް ފަސޭހަކަމެއް ނޫނެވެ.

"ވަރަށް ބޮޑަށް!" ޝައްޔާންގެ ބުނެލުމާއެކު ދެން ވެރިވީ ހިމޭންކަމެވެ.

ދެމީހުންގެ ނޭވާގެ އަޑު ނޫނީ ފޯނުން ނީވެ އެވެ. އެގޮތުގައި ތިބެވުނީ ކިހައި އިރަކު ކަމެއް ނޭގެ އެވެ. ހިމޭންކަން ފޫދުއްވާލީ ޝައްޔާން އެވެ.

"ތޭންކް ޔޫ!"

"ކޮން ކަމަކަށް؟"

"އަހަރެންގެ ފިލްމެއް ފުރަތަމަ ފަހަރަށް ބަލައި ނިންމި ކަމަށްޓަކައި..! ފިލްމެއް އެއްކޮށް ބަލައި ނިންމުމަކީ އަމާރާއަށް ކިހައިވަރެއްގެ ކަމެއްކަން އަހަންނަށްވެސް އިނގޭ..! ވަރަށް އުފާވެއްޖެ..!" ޝައްޔާންއަށްޓަކައި ދެތިންގަޑިއެއްހާއިރު އަމާރާ އޭދަކުރީތީ ޝައްޔާންގެ ހިތުގެ އެންމެ އަޑިން ޝުކުރުވެރިވި އެވެ.

ޝައްޔާންގެ ޝުކުރުވެރި ބުނެލުމަށް ދޭނެ ވަކި ޖަވާބެއް އަމާރާއަކަށް ނޭގުނެވެ. 'ހޫމްމމ..'އަޅުވާލާފައި އެ މައުލޫ ނިންމާލި އެވެ

"ދެން ނިދާލާ..!" އަތުގައި އޮތް ގަޑިއަށް ބަލާލާފައި ޝައްޔާން ބުނެލީ ނުހަނު ލޯތްބާއެކު އެވެ.

"ގުޑްނައިޓް، އައްޓަމަސް..!"ޝައްޔާންއަށް އާންމުކޮށް އަމާރާ ބޭނުންކުރި ވަނަން، އެތަށް ދުވަހެއް ފަހުން، ބޭނުންކޮށްލުމުން ޝައްޔާން ހިނިއައި އެވެ.  

ރޭގަނޑުގެ ސަލާމުން ހިތްހަމަޖައްސާލަމުން، ދެމީހުންވަކިވީ ދާދިއަވަހަށް ބައްދަލުކުރުމަށް އެދެމުންނެވެ. 

...............................

ޝައްޔާންގެ ފަހުގެ ފިލްމް، އެތަށް ރެކޯޑެއް މުހުރާލާފައި ސިނަމާތަކުން ނަގައިފި އެވެ. އޭނާގެ މަޝްހޫރުކަމާއި މަގްބޫލުކަން އިހުނަށްވުރެން އެތަށް ގުނައެއް ބޮޑުވެއްޖެ އެވެ. 

އަމާރާއާއި ދެމީހުންގެ ގުޅުމަށް ލޮޅުމެއް އަރާފައި ނެތަސް، ބައްދަލުކުރުމަކީ މިހާރު ފަސޭހަ ރަހްމަތެއްގައި ކުރެވޭކަމަކަށް ނުވެ އެވެ. މަގުމަށްޗަށް ނިކުތުމަކީ ޝައްޔާންއަށް ފަސޭހަ ކަމެއް ނޫނެވެ. ވަށައިގެންވާ ލޯތަކަށް ގެއްލިގެން މިނިވަންކަމާއެކު ފިޔަވަޅެއް އެޅެންވެސް ނޯވެ އެވެ.

މިއަދުވެސް ޑިއުޓީ ނިންމާފައި އަމާރާއައީ ޝައްޔާންގެ ގެއަށެވެ. ކުރަންޖެހޭ ކުދިކުދި ބާޒާރުކޮށްލައިގެން ގެއަށްވަނީ އަތުގައި ކޮތަޅުތައް އަޅުވައިގެންނެވެ. ބަދިގެ މޭޒުމަތީގައި ކޮތަޅުތައް ބަހަށްޓާފައި، އަތްދޮވެގެން އައިސް، ޝައްޔާންއާއި ދާދިގާތުގައި ސޯފާގައި އިށީނީ ވަރުބަލި ފިލުވާލުމަށެވެ. 

ޝައްޔާންގެ ސަމާލުކަށް ހުއްޓިފައިވަނީ އޭނާ ބަލަމުންދިޔަ ޝޯވްއަށެވެ.

އަމާރާއާއި ދިމާއަށް ބަލައިވެސް ނުލުމުން، ޝައްޔާން އަތުގައި އޮތް ރިމޯޓް އަތުލާފައި، އެކި ޗެނަލްތަކަށް ބަދަލުކުރަން ފަށައިފި އެވެ.

"އަމިއްލަ ހަށިގަނޑަށް އަރާމެއް ނުދީ، ރެއާއި ދުވާލު ތިހައި ބުރަކޮށް މަސައްކަތްކުރާކަށްނުވާނެ، ފުށްގުޑީ..!" ހަރަކާތް ހުއްޓިފައި އިނދެ ލޮލުގެ ހިމަކޮޅުން އަމާރާއަށް ބަލައިލަމުން ޝައްޔާން ބުންޏެވެ.

"ހަމަ އެފަދައިން، އަޅުގަނޑާއި ދިމާއަށް ފުށްގުޑީ ކިޔުންވެސް ހުއްޓާލަންޖެހޭ..!" ލޯބިގޮތަކަށް އެއްބުމަ މައްޗަށް ހިއްލާލާފައި އަމާރާ ބުނެލި އެވެ.

"އެއަށްވުރެން ގުޅޭ އެހެން ނަމެއް ދުވަހަކުވެސް ލިބޭނެހެން ހިޔެއް ނުވޭ.." އަމާރާއާއި ދިމާއަށް އެނބުރިލާފައި އޭނާގެ ކޮލުގައި މަޑުމަޑުން ބޮޑުވައިއިނގިލިން ފިރުމާލަމުން ޝައްޔާން ބުނެލި އެވެ. 

އެންމެ ގާތުން އަތުޖެހެން އޮތް ކުށަން ނަގާފައި ޝައްޔާންގެ މޫނުމަތީގައި އަޅާފައި ކޮއްޕާލުމަށް އަމާރާ ހަރަކާތްކޮށްލި ވަގުތު ހުށިޔާރުކަމާއެކު އެ ކުށަންގައި ޝައްޔާން ހިފެހެއްޓި އެވެ. 

އަމާރާ ކުއްލިޔަކަށް ގެނައި ހަރަކާތަކާއެކު ސޯފާއިން ތެދުވެގެން ދުއްވައިގަންނާން އުޅުނެވެ. ނަމަވެސް ޝައްޔާން ހުރީ އެކަމަށް ވިސްނައިގެންނެވެ. އޭނާގެ އެންމެ ހަރަކާތަކުން އަމާރާ އެހުރީ، ހައްޔަރުކޮށްލާފަ އެވެ. އަތުގެ މުލައްދަނޑީގައި ހިފާފައި ޖެހި ލުއްކިއާއެކު އަމާރާ ވެއްޓުނީ ޝައްޔާންގެ ގައި މައްޗަށެވެ.

ސޯފާގެ މައްޗަށް ޝައްޔާންގެ ހަށިގަނޑު ދޫކޮށްލައިގެން އޮތީ، އޭނާގެ ގައިމަތީގައި އަމާރާ ހަމަޖެހިލުމަށް ފުރުސަތު ތަނަވަސްކުރުމަށެވެ.

ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް ކިތަންމެ ރަގަޅަށްވެސް އިވެ އެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެފައި ވުމާއެކު ލޮލުގެ ބަސްމޮށުންތެރިކަން ކިތަންމެހާވެސް ސާފެވެ.  މޫނުމައްޗަށް ހުރަސް އެޅެމުންދިޔަ ބައެއް އިސްތަށިތަށް ފަރުވާތެރިކަމާއެކު ޝައްޔާންގެ އިނގިތަކުން އަމާރާގެ ކަންފަތް ކައިރިއަށް ޖަހައިލި އެވެ. ދެމީހުންގެ ނޭވާ އެކުވެފައި ވުމުން، އުފެދެމުންދިޔަ ޖަޒްބާތުތަކުގެ މައްޗަށް ކެއްތެރިކަން ކޮޅުންލާން ފެށި އެވެ.

"އަމާރާ..!" ޝައްޔާންގެ ތުންފަތް އަމާޒުވެފައިވަނީ އަމާރާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތާ އެވެ. އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނަސް، އަމާރާގެ ދޫ  ހަރަކާތްކޮށްފި އެވެ.

"ވަޓް" ވައި އަޑުންކަހަލަގޮތަކަށް އަމާރާ ބުނެލި އެވެ.

ނަމަވެސް ޝައްޔާންގެ ބެލުމަށް ނުވަތަ ކުދިކުދި ގޯނާތަކަށް ބަދަލެއް ނައި އެވެ. އުފުލާލެވުނު އަތުން އަމާރާގެ ތިރީ ތުންފަތުގައި ޝައްޔާން ފިރުމާލީ ލަސްލަހުންނެވެ. އަމާރާގެ މުޅި ގައިން ކަރަންޓުގެ ރާޅެއް ދަތުރުކޮށްލުމަށް ސިކުންތެއްވެސް ނުނެގި އެވެ. އަމާރާގެ ދެލޮލުގެ އެސްފިޔަތަށް ލައްޕާލެވި، ދުރުކޮށްލެވިފައިވާ ތުންފަތުން މަޑުމަޑު އާހެއްގެ އަޑު ނުކުތެވެ.

ޝައްޔާންއާއި ދުރަށްޖެހިލާނެ ހިތްވަރެއް ނުވަތަ އުތުރި އަރަމުންދިޔަ އިހްސާސްތަކުގައި މަތިއަޅައި ފޮރުވާނެ ބާރެއް އަމާރާއަކަށް ނުލިބުނެވެ. ފުރެމުންދިޔަ މޭގެ ބަރުކަމާއެކު، ހާމައަށް އޮތް ކަނދުރާ އެއްފަރާތަކަށް އަނބުރާލެވުނެވެ.

ހުޅުވައިލެވުނީ 'ހިލޭ ދައުވަތެއްގެ ދޮރު' ކަމެއް އަމާރާގެ ސިކުނޑިއަށް ނުވަތަ ހިތަށް ގެންނާނެ ބާރެއް އޭނާގެ ގަޔަކު ނެތެވެ. އުތުރި އަރަމުންދިޔަ ޖަޒްބާތުތަކާއެކު ޝައްޔާންގެ އަތުތެރޭގައި އަމާރާގެ ލަދުވެތިކަމުގެ ފަރުދާ ކަހައިލެވިއްޖެ އެވެ.

ލިބުނު ދައުވަތާއެކު ޝައްޔާންގެ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަންތަކުގައި ބާރަށް ވިންދުޖަހަން ފަށައިފި އެވެ. ދެއަތުގެ ތެރޭގައި އަމާރާ ހައްޔަރުކޮށްލަމުން، އޭނާގެ 'ޓްރިމްކޮށްލާފައިވާ' ތަނަވަސް ތުނބުޅީގެ ކުރު އިސްތަށިތަށް އަމާރާގެ ކަނދުރާގައި ހާކާލި އެވެ. 

އަމާރާގެ މޭ ނެގިނެގިފައި ޖެހެ އެވެ. އިންކާރުކުރަން ހަތަރެސްފައި އެދުނަސް، އަމާރާގެ ހިތާއި ސިކުނޑިވަނީ ޝައްޔާން ގައިދުކޮށްފަ އެވެ. 

ލަދުވެތިކަމާއި އިންކާރުގެ ފަރުދާ ކެހިއްޖެ އެވެ. ދެ ހިތުގައި އެއްވިންދެއްގެ މިއުޒިކް ކުޅެންފަށައިފި އެވެ. ލޯބީގެ ރާހަތު މެނުވީ ފަރުވާއެއް ނެތެވެ.

ސޯފާގައި ހިތް ފުރޭވަރުވުމުން ޝައްޔާންގެ ދެއަތްމަތީގައި އަމާރާ އުފުލާލައިގެން ގޮސް ވަނީ، ކޮޓަރިއަށެވެ.

.................

"އައި ޝުޑް ގޯ" ކޮޅަށް ތެދުވާން މަސައްކަތްކުރަމުން އަމާރާ ބުނެލީ މަޑުމަޑުންނެވެ. 

ގައިމަތީގައި އޮތް ހުދުކުލައިގެ މަޑުމަޑު ޑުއެޓްގެ ތެރެއިން ޝައްޔާންގެ ހަރަކާތަކާއެކު، އޭނާގެ ދެއަތުގެ ތެރޭގައި ކުރިއަށްވުރެން ބޮޑަށް ފުރަގަހުން އަމާރާ ބޮނޑިކޮށްލި އެވެ. ތަރުތީބެއް ނެތި ހޭވިފައި އޮތް މަޑުމަޑު އިސްތަށިގަނޑުގެ ތެރޭގައި ޝައްޔާންގެ މޫނު ފޮރުވާލީ އެއަށްވުރެން އަރާމް އެހެން މަންޒިލެއް އޭނާއަށް ދުނިޔޭގައި ނެތް ފަދައިންނެވެ.

"ސްޓޭ، ޕްލީޒް!" ވައިއަޑުން ޝައްޔާން ބުނެލި އެވެ. އަމާރާގެ ކަނދުރާގެ ހިމަ ލޯލިތައް ކޮޅަށް ޖެހިގެންދިޔައީ މުޅިގައިން ހީނބިހި ހިލުވާލާފަ އެވެ.

"މިގޭގައި އަމާރާ ނޫޅޭ ކޮންމެ ވަގުތެއްގައި ހީވަނީ ފަޅުތަނެއްހެން . މިހެން އެކަނި އުޅެން އަހަންނަކަށްވެސް ފަސޭހައެއް ނޫން.. އަމާރާ ނެތިއްޔާ، މި ގޭގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުކުރާކަށް މިހާރަކު ހިތެއް ނޭދޭ..! އަމާރާގެ ގެއިން، މި ގެއަށް ބަދަލުވާންވީނުން..! ރާފީ ނުނިމެނީސް މަންމަވެސް މާލެއަކަށް ނާންނާނެ.. އެކަނި އެގޭގައި އުޅުމަށްވުރެން އަހަންނާއެކު މިތަނަށް ބަދަލުވިއްޔާ، ދެމީހުންނަށްވެސް މާ ރަގަޅުވާނެ..!" ޝައްޔާންގެ ނިންމުން ބުނެލި އެވެ.

އާޝޯހްވެފައި ޝައްޔާންއާއި ދިމާއަށް އަމާރާ ކުއްލިޔަކަށް އެނބުރި ބަލައިލި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް