މި މަޝްރޫއުތަކުގެ ތެރޭގައި ރަށުގެ ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވުމުގެ އިތުރުން، އާ މިސްކިތަކާއި، ފިޓްނަސް ސެންޓަރަކާއި، ފުލުހުންގެ މަރުކަޒެއްގެ އަމަލީ މަސައްކަތް ފެށުން ހިމެނެ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ނޫމަރާގައި ޒަމާނީ ފެންވަރަށް އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިދެއްވާފަ އެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނަށް އަމާޒުކޮށް އިތުރު ތިން މުހިންމު މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައިވެ އެވެ. އެގޮތުން 300 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ފައްޓަވައިދެއްވި އިރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ.
ރައީސްގެ މި ދަތުރުފުޅާ ގުޅިގެން ފެށި މި މަޝްރޫއުތަކުގެ ރަސްމިއްޔާތުތަކުގައި ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ކަމަށްވާ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަލަށް އިމާރާތްކުރާ މިސްކިތަކީ ޒަމާނީ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމެއް ވެސް ހިމެނޭ ތަނެކެވެ. މި މަޝްރޫއުތަކުގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގައި ނޫމަރާ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.