އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިއްހީ މަރުކަޒުގެ މަސައްކަތް މިހާރު ކުރިއަށްގެންދެވުމަށް ނިންމަވާފައިވަނީ އެހެން ފަރާތަކާ ހަވާލުކުރައްވައިގެން، ދެ ފަންގިފިލާގެ، 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ނިންމެވުމާއެކު ސަރަހައްދީ ވިސްނުންފުޅެއްގައި ކަނޑިތީމުގެ ސިއްހީ މަރުކަޒު ތަރައްގީކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހެއްދެވުމަށް، އިތުރު ބާރަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ކަނޑިތީމު ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން ކަނޑިތީމުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފަ އެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމޭނޭ ކަމަށް ވިދާޅުވެފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ، ކަނޑިތީމުގެ ތަރައްގީއަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅުން ހުރި އިތުރު އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވާފަ އެވެ.
އެގޮތުން، 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރަށު ކައުންސިލުން އެދިވަޑައިގެންނެވި ދެ މަޝްރޫޢު ކަމަށްވާ، ކަނޑިތީމު މަގުހެދުމުގެ މަޝްރޫއާއި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
އަދި އެރަށުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ކަނޑިތީމު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފައްޓަވައިފަ އެވެ.
މީގެ އިތުރުން، ކަނޑިތީމާއި އަދި އެހެން ރަށްރަށުގައިވެސް ހިއްކާފައިވާ ސަރަހައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.