ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ހޯދުމަށް ޑީބީއެމް އުފައްދައި އެ ތަން އޮޕަރޭޝަނަށް ގެންނާނެ ގިނަ ތާރީހުތައް މިހާތަނަށް ދިން ނަމަވެސް، އެ ބޭންކުގެ މަސައްކަތްތައް ފަށާފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، ޑީބީއެމްއަކީ އެކައުންޓްތައް ހުޅުވައި ފައިސާ ނަގާ ފަދަ ބޭންކެއްނޫން ކަމަށެވެ.
އެ ބޭންކަކީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކުލަވާލި މުހިންމު ބޭންކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުންފުންޏެއް އުފެއްދެވީ މިދިޔަ އަހަރުގެ މޭ މަހު އެވެ. އޭގެ ފަހުން ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ ތަނުގެ ރަސްމީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައެއްނުވެ އެވެ. އެ ތަން ހިންގުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކުން ދޫކުރީ މިދިޔަ އަހަރުގެ 16 އޮކްޓޯބަރުގަ އެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.