ads
ބަންޑާރަ ނައިބް އަހްމަދު އުޝާމް
އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނަން: އުޝާމް
އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް ބަދަލުތައް ގެންނަން އެކުލަވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ.

މީކާއިލް ސުވާލުކުރެއްވީ، އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭޖީ އުޝާމް ކުރިން ވިދާޅުވެފައިވާތީ، އެ ގާނޫނު ބާތިލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ.

އެއްވެ އުޅުމުގެ ގާނޫނު ހަރުކަށިކޮށް، އެއްވެވޭ ތަންތަން މަދުވާ ގޮތަށް ގާނޫނު ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރެވެ.

ވެރިކަމަށް އައިސް، ގާނޫނުއަސާސީއާ ހިލާފު އެ އިސްލާހު އުވާލާނެ ކަމަށް އެމްޑީޕީން ވަކާލާތުކޮށް އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް 2018 ގައި ހުށަހެޅި އެވެ. 

އެކަމަކު ފަހުން ވިސްނުން ބަދަލުވެ، ދައުރު ނިމުނުއިރު ވެސް އެމްޑީޕީން އެ އިސްލާހު އުވައެއް ނުލަ އެވެ.

އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުގެ ސުވާލަކާ ގުޅިގެން އޭޖީ ވިދާޅުވީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ ވަކި ހައްދެއް ނެތި ލިބޭ ހައްގުތަކެއް ނޫން ކަމަށެވެ. މެމްބަރުގެ ސުވާލުގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ އެއްވެ އުޅުމުގެ މިނިވަންކަމާއި އަޑުގަދަ ކުރުމުގެ ހައްގު ގާނޫނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދީފައި ވިޔަސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެވަރަށް ޖާގަ ނޯންނަ ކަމަށް ވިދާޅުވެ އެވެ.

"އެހެންވެގެން ގާނޫނުއަސާސީގައި އޮންނަނީ ދެވަނަ ބާބުގައި އޮންނަ ހައްގުތައް ގާނޫނެއްގެ ދަށުން، ގާނޫނެއްގައި ލިޔެގެން ހަނިކުރެވިދާނޭ." އުޝާމް ވިދާޅުވި އެވެ

އޭޖީ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ބޭނުންކުރަން އޮންނަނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށްގެންނެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބޭ ހައްގުތަކަކީ އެއްވެސް އިމެއް ނެތް ގޮތުގައި ހައްދެއް ނެތް ގޮތުގައި ލިބޭ މިނިވަންކަމެއް ނޫން ކަމަށާއި ގާނޫނުއަސާސީން ލިބޭ ކޮންމެ މިނިވަންކަމަކީ ވެސް އޭގެ ޒިންމާތަކަކާ މަސްއޫލިއްޔަތުތަކެއް އޭގައި އެކުލެވިގެންވާ ހައްގުތަކެއް އޭޖީ ފާހަގަ ކުރެއްވި އެވެ

އޭނާ ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުފެއްދީ ވެސް އެ އުސޫލުންނެވެ.

އޭޖީ ވިދާޅުވީ އެއްވެވޭނެ ތަންތަން ސަރުކާރުން ކަނޑައަޅާ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެހެން ނަމަވެސް އިސްލާހުކުރާނީ ރާއްޖެއާ ގުޅޭ ގޮތަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް