ads
ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން
ހަރަމްފުޅު ސަރަަހައްދުގައި އިތުރު 900،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހަދަނީ
މައްކާގެ ހަރަމްފުޅު ސަރަހައްދުގައި އިތުރު 900،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހެދުމުގެ މަޝްރޫއުއެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިފުތިތާހު ކޮށްދެއްވައިފިއެވެ.
Advertisement

މި މަޝްރޫއަށް ދީފައިވާ ނަމަކީ 'ކިންގް ސަލްމާން ގޭޓް' އެވެ. 

މި މަޝްރޫއުގެ ދަށުން 12 މިލިއަން އަކަމީޓަރު (4.6 އަކަމޭލު)ގެ ސަރަހައްދަކަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުގައި ނަމާދުކުރުމަށް ހިޔާކޮށްފައިވާ އަދި ހުޅުވިފައިވާ ތަންތަން ހުންނާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. 

ރަސްގެފާނު ސަލްމާން ގޭޓްގެ އަމާޒަކީ މައްކާގެ އުމްރާނީ ތަރައްގީ ބައިނަލްއަޤްވާމީ މޮޑެލްއަކަށް ބަދަލުކުރުންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. މި މަޝްރޫއުގެ ދަށުން މިސްކިތަށް ވަނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވިއުގައެއް ގާއިމުކުރާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. އަދި 19،000 އަކަމީޓަރުގެ ހެރިޓޭޖް އެންޑް ކަލްޗަރަލް ޒޯންތައްވެސް މި މަޝްރޫއުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން 2036 ވަނަ އަހަރުގެ ނިޔަލަށް 300،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދައި އިގްތިސާދު ފުޅާ ކުރުމަކީވެސް މި މަޝްރޫއުގެ އަމާޒެއްކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. ކިންގް ސަލްމާން ގޭޓް ޕްރޮޖެކްޓަކީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ރޫއާ އަލް ހަރާމް އަލް މައްކީ ކުންފުނިން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 

2030 ވަނަ އަހަރުގެ ނިޔަލަށް އަހަރަކު 30 މިލިއަން މީހުން ހައްޖާއި އުމްރާގެ އަޅުކަމަށް ގެންދިއުމަކީ ސައުދީގެ އަމާޒެކެވެ. 2019 ވަނަ އަހަރު ސައުދީއަށް ހައްޖުގެ އަޅުކަމާއި އުމުރާގެ އަޅުކަމުން 12 ބިލިއަން ޑޮލަރު އެގައުމަށް ލިބިފައިވެ އެވެ. 

ވިޝަން 2030ގެ ނަމުގައި ސައުދީން ގެންދަނީ ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ ފަދަ ދާއިރާތަކަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރަމުންނެވެ. ބޭނުމަކީ ތެލަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދީ އިންގިލާބީ ބަދަލެއް ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް