ads
ނޭނގި ހިތް ގެއްލުނީ - 35 ވަނަ ބައި
އެޕިސޯޑް 35
Advertisement

އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާން ތެދުވި އެވެ.

"އެންމެ ރަގަޅު.. ބޭރަށް ނިކުމެފައި، މިތާ ބޭރުގައި ތިބި ހުރިހާ ނަރުހުންނާއި ޑޮކްޓަރުންނާއި، ބަލިމީހުން އެއްކޮށްފައި އަހަރެން ބުނާނަން، ރަހުމެއްނެތް ހިއްދަތިގޮތެއްގައި ނިކަމެތި މި ސްޕާސްޓަރ، ޑޮކްޓަރު އަމާރާ ރިޖެކްޓްކުރައްވައިފިއޭ.. ބަދަލުގައި އަޅުގަނޑާއެކު ޑޭޓަކަށް ވަޑައިގަންނަވާނެ ކުއްޖަކު ހުރިތޯވެސް އަހާލާނަން.." ޗެލެންޖްކުރާފަދަ ގޮތަކަށް ދެ ބުމަ މައްޗަށް ހިއްލާލާފައި ޝައްޔާންބުނީ އެކަން ކުރުން އަމާރާ ހުއްޓުވަނެކަން ޔަގީންވެހުރެއެވެ.

"ނޫން.. ޝައްޔާން، މިއީ ހޮސްޕިޓަލެއް! އެކަހަލަ އެއްވެސް ސަމާސާއެއް މިތަނުގެ ތެރޭގައި ޝައްޔާން ނުކުރާނެ..! ދެ ލޯ އަޅާލާފައި އަމާރާ ބުނެލި އެވެ.

"ބަލަން ހުރޭ... އެންމެ މިނެޓެއްތެރޭގައި ޓްރެއިލަރ ދައްކާލާނަން.." ބޭރަށް ނިކުންނަށް ދޮރާއިދިމާއަށް ޝައްޔާން މިސްރާބުޖެހި އެވެ.

ދަތްކުނޑިވިކާލާފައި އަމާރާ ދެ ލޯ މަރައިލިއެވެ. ޝައްޔާން ބޭނުންވެއްޖެކޮންމެ ކަމެއް، އޭނާގެ ސްޓައިލްގައި ހާސިލްކުރާނެކަން އަމާރާއަށްވުރެން ބޮޑަށް ގަބޫލުކުރާނެ އެހެންމީހަކު ނޫޅޭނެ އެވެ.  ޝައްޔާންގެ ހުށަހެޅުމަށް އެއްބަސްވީ، އެހެން ގޮތެއް ނެއްކަމަށް ބަލާފަ އެވެ.

"ގްރެއިޓް..! ވަރަށް ވަރަށް ރަގަޅު..! ބަރާބަރު އަށެށް ޖަހާއިރު އަހަރެން ހުންނާނީ ތި ގޭގެ ދޮރުމަތީގައި.." ލިބުނު ކާމިޔާބުގައި އުފަލުން، ހެމުން ޝައްޔާން އަވަސްއަވަހަށް އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. 

އެއްޗެއް ބުނަން ތައްޔާރުވެގެން ހުރި އަމާރާ، އޭނާގެ ގޮނޑިއަށް ވެއްޓިގަތްއިރު އޭނާގެ ތުންފަތްމަތީގައިވަނީ ބުނެދޭން ނޭގޭ އިހްސާސެއްގެ ހިނިތުންވުމެއްވި އެވެ.

.................

ގަޑީގެ ކަށި އަށެށް ޖެހުމާއި ގާތްވަމުންދިޔަވަރަކަށް އަމާރާގެ ކޮޓަރީގައި ބުރުއެޅުމުގެ ސްޕީޑް ބާރުވަމުންދިޔަ އެވެ. ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި އޭނާގެ ސިފަ ބަލާލެވުނު އަދަދެއް ނޭގެ އެވެ. ހިތްގައިމު ކުރުތާއަކާއި ގަދަ ނޫ ކުލައިގެ ޖީންސްއެއްގައި އަމާރާ ނުހަނު ހިތްގައިމެވެ. ލޮލުގައި އައިލައިނާ ބޭނުންކޮށްފައިވެ އެވެ. އުފެދުމުގައިވެސް މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި، ސްޓްރޯބެރީ ލިޕްބާމް ބޭނުންކޮއްފައި ވުމުން، މިރެއަށް އަމާރާގެ ހިތްގައިމުކަން ފުދެ އެވެ. 

އެއަށްވުރެން ފުރިހަމަކަމެއް އޭނާ މިރޭ ބޭނުމެއް ނޫނެވެ. ދެރަކަމަކީ ނެގިނެގިފައި ތެޅެމުންދިޔަ ހިތުގެ ދިރުމަށް ކުޑަވެސް ބަދަލެއް ނާންނާތީ އެވެ. 

މިއީ ހަގީގީ 'ޑޭޓް'އެއް ކަމަށް އަމާރާ ގަބޫލެއް ނުކުރެ އެވެ. އެފަދަ ރެއަކުން ނުވަތަ އެފަދަ ދުވަހަކުން އަމާރާއަށް ވުރެން ވަކި ފުރިހަމައަށް ޝައްޔާންއަށްޓަކައި އެހެން އަންހެންކުއްޖަކަށް ތައްޔާރު ނުވެވޭނެވަރަށް އޭނާ ނަލަވެލާނެ އެވެ. ނަމަވެސް މިއީ އެފަދަ ހާލަތެއް ނޫންކަން އޭނާގެ ގަބޫލުކުރި އެވެ. 

ގޭގެ ބެލް ޖަހައިލި އަޑު އިވުނީ އަމާރާ، އޭނާގެ ސޫރަ ލޯގަނޑުން ބަލަހައްޓައިގެން ހުއްޓަ އެވެ.

ހުޅުވާލި ދޮރާއެކު އަމާރާގެ ލޮލުގެ ސާފު ކަޅި އަމާޒުވީ ޝައްޔާންގެ ފިރިހެންވަންތަ ސޫރައަށެވެ. ކަޅުކުލައިގެ އަތްދިގު ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅާލާފައިވޭ އެވެ. ލައިގެން ހުރި ނޭވީ ބްލޫ ޖީންސް ޝައްޔާންއާއި ވަރަށް ގުޅެ އެވެ. ފިރިހެނުން މިފަދަ ފުރިހަމަ ކަމެއްގައި އަންމުންތެރޭގައި ނިކުމެ އުޅުމަކީ ގާނޫނީ ކުށަކަށް ނުހަދަނީ ކީއްވެތޯ އަމާރާގެ އަމިއްލަ ހިތާއި އޭނާ ސުވާލުކުރި އެވެ. 

"ނޮޓް ބޭޑް، ފުށްގުޑީ... ތިޔަށްވުރެން ވަކި ފުރިހަމަ އަންހެނަކު މިރޭ އަހަރެންގެ ލޮލާއި ސީދާ ނުވާނެ.." އަމާރާގެ ސޫރައަށް މަތިން ތިރިއަށް ބަލަމުން ޝައްޔާން ބުނެލީ އިޝްގީގޮތަކަށެވެ. 

އަމާރާގެ މޭދަށުގައި ދެއަތް ހުރަސްކޮށްލި އެވެ. އަހަރުމެން މިދަނީ ޑިނަރއަކަށް، ރެޑް ކާޕެޓަކަށް ނޫން...! އެއްބުމަ މައްޗަށް ހިއްލާލާފައި އަމާރާ ހިނިތުންވި އެވެ.

"އެހެންވިޔަސް، ތިއީ ހަމަ އަހަރެންނަށްޓަކައި އެންމެ ފުރިހަމަ އަންހެނާ.. ވަރަށް ފުރިހަމަ.. ވަރަށް ލޯބި..!  ފިލްމީ ގޮތަކަށް އަމާރާއަށް ޝައްޔާން އަތް ދިއްކޮށްލީ އެއަތުގައި ހިފުމަށް އެދެމުންނެވެ. އިތުރު ބަހަނާއެއް ނުދައްކައި، ސުލްހައިގައި ޝައްޔާންގެ އަތުގައި އަމާރަ ހިފައިފި އެވެ.

............

ޕްރައިވެޓް ރޫފްޓޮޕް ރެސްޓޯރެންޓެއްގެ އެންމެ ހިތްގައިމު މަންޒިލް ޝައްޔާން އެ އޮތީ މިވަގުތަށްޓަކައި ނަގާފަ އެވެ. އެހެން އެއްވެސް މީހަކަށް ޝައްޔާންގެ އިޒުނައާއި ނުލައި މިރޭ  އެތަނަށް ނުވަދެވޭނެ އެވެ. 

މޫސުން ރީތި، ވައި މަޑު ހިތްގައިމު ރެއެކެވެ. ބުރުހަމަ ހަނދުގެ ނަލަ ހަނދުވަރުގައި ފިޔަޖަހަމުންދިޔަ ތަރިތަކުގެ ބެބުޅުމަށް ތައުރީފު ނުކޮށްފިނަމަ، ހިތްގައިމު އެ މާހައުލުގައި މިރޭ އުނިކަމެއް ވާނެ އެވެ.

މުޅި މަހައުލަށް އަމާރާ ބަލައިލި އެވެ. އިތުރުމީހަކު އެތަނުން ފެންނާން ނެތުމަކީ އަމާރާ ވިސްނާލަންޖެހުނު ކަމަކަށްވި އެވެ. 

"އާދައިގެ ޑިނަރއަކަށްވުރެން މުޅިން ތަފާތު ގޮތެއް އަހަންނަށް އިހްސާސްކުރެވެނީ ކީއްވެ..؟" ވަށައިގެން ލޯ ހިންގާލަމުން އަމާރާ ސުވާލުކުރީ ހިތުގައި ޝައްކު އުފެދުނީތީ އެވެ. 

"މިތަނުގައި، އަހަރުމެންނަށް އުނދަގޫކުރަން ނޫސްވެރިންނާއި، އަމާޒުކުރާނެ ކެމެރާތަށް ނެތުމަކީ އަމާރާގެ އެދުމަކަށް ނުވެނުދާނެކަން އަހަންނަށް އިނގޭ..! އެހެންވީމާ، އަހަރުމެން ދެމީހުންގެ އިތުރުން، މިރޭ އެއްވެސް މީހަކު މިތަނަށް އައުމުގެ ހުއްދައެއް ނޯންނާނެ..! އަމާރާ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް މި މާހައުލުގައި މިރޭ ނުހިނގާނެ..!" އަމާރާއަށް ބަލައިލަމުން ޔަގީންކަމާއެކު ޝައްޔާން ބުނެލި އެވެ. މުޅި ރެސްޓޯރެންޓް ޝައްޔާން ނަގާފައި އެއޮތީ އަމާރާއަށްޓަކައި އެވެ. ނުވަތަ ދެމީހުންގެ 'ހާއްސަ ވަގުތުކޮޅަށްޓަކައި'އެވެ.

މާހައުލުގެ އުފަލާއި ހިތްގައިމުކަން ދެހިތުންވެސް ދިޔައީ އިހްސާސްކުރަމުންނެވެ. 

"އަމާރާ ޑޮކްޓަރަކަށް ނުވިނަމަ، ކުރިއަށްދާނީ ކޮން ދާއިރާއަކުންތޯ ނުވަތަ މުސްތަގްބަލް ބިނާކުރާނީ ކޮންކަހަލަ މީހެއްގެ ގޮތުގައިތޯ ދުވަހަކުވެސް ހިތަށް އެރިތަ؟" ފެންތައްޓެއްގައި އަމާރާ ތުންޖެހިވަގުތު ޝައްޔާން ސުވާލުކޮށްލި އެވެ.

"ތިއީ ކޮން ޒާތެއްގެ ސުވާލެއް؟'' އަވަސްއަވަހަށް ދެތިންފަހަރު އެސްފިޔަޖަހާލާފައި އަމާރާ ސުވާލުކޮށްލި އެވެ.

އަމާރާގެ ލޮލަށް ބަލަމުން، މޭޒާއި ގާތްވެލާފައި، މޭޒުމަތީގައި ޝައްޔާންގެ އުޅަނބޮށި އަޅުވަލާފައި، ހަމަޖެހިލި އެވެ. 

"މި ސުވާލު ކުރެވުނީ ކީއްވެގެންކަމެއް ބުނާކަށް ނޭގެ.. އެކަމަކު އެކަނިވެރިވާ ވަރަށްގިނަ ވަގުތުތަކުގައި އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނޭ.. ޔަގީނުންވެސް އަހަރެން ފިލްމް ސްޓާރަކަށް ނުވިނަމަ، އަހަރެންގެ ދިރިއުޅުން ބަރޯސާކުރާނީ ވަރަށް އާދައިގެ ވަރަށް މިނިވަން، ވަރަށް ފަސޭހަ ދިރިއުޅުމަކަށް.. އެކަން ހަމަ ޔަގީން..!" ހުވަފެނީ ދުނިޔެއެއްގައި ކުޑަކުއްޖަކު، އޭނާގެ ހިޔާލް ހުށަހަޅާލާނެހައި އުފަލުން ޝައްޔާން ބުނެލި އެވެ. 

އޭނާގެ ހިތުގެ ސާފުކަމަށްޓަކައި އަމާރާ އުފާކުރި އެވެ. 

"އާދައިގެ މިނިވަން، ހިމޭން ދިރިއުޅުމެއް ޝައްޔާން ބޭނުންތަ؟'' އަމާރާގެ ސުވާލުގައި އެތައް އަސަރެއް ވި އެވެ. އެއީ އޭނާ އެންމެ އެދޭގޮތްކަން ހާމަވާ، ކިތަންމެ އަސަރެއް އެ މައުސޫމް މޫނުން ފެނުނެވެ. 

"ބައެއް ފަހަރު އެހެންވެސް ހިތަށްއަރާ..! އެކަމަކު ދެން ހަމަ މި ދިރިއުޅުމުގައި ވަރަށް ތެދުވެރި އިހްލާސްތެރި މީހުންނާވެސް ބައެއްފަހަރު ދިމާވޭ.. އެހެން ނަޒަރަކުން ބަލަންޏާ، ބައެއްފަހަރު ތަންކޮޅެއް ތަފާތު މީހުންނާއި ބައްދަލުވެ، އެމީހުންގެ އެ 'ޖަޒްބާތީ' އިހްސާސްތައް ލިބިގަތުމަކީވެސް ޝައުގުވެރިކަމެކޭ ބުނެވިދާނެ..  އެކަންކަމުގައި މައްސަލައެއް ނެތްކަމަށް ގަބޫލުކުރަން އޮންނަނީ މަޖުބޫރުވެފައި... ޒުވާން ހިތްތަކުގެ ގޮވުންތަކަށް އިންކާރުކުރުމަކީ، އަހަރެންގެ އިހްތިޔާރުގައި އޮންނަކަމެއް ނޫން.. މި އިންޑަސްޓްރީގެ ހަގީގަތް ބުނެދިނުން އެހައި ފަސޭހައެއް ނޫން.." ޝައްޔާންގެ އަމާޒާއި ދިމާއަށް އޭނާގެ ހުންގާނު އަނބުރާލެވޭތޯ މަސައްކަތްފެށި އެވެ.

ހިމޭންކަމާއެކު ނޭވާއެއް ބޭރުކޮށްލަމުން، އަމާރާގެ ހުރިހައި ސަމާލުކަމެއް ޝައްޔާންއަށް ހުއްޓުވާލި އެވެ. އެއްޗެއް ބުނަން އުޅެފައި ހިމޭންވިކަން އެނގުނެވެ. ޝައްޔާންގެ ލޮލުން އިޝާރާތްކުރީ، ކުރިއަށް ގެންދިއުމަށެވެ.

"ބައެއްގެ ނުވަތަ އާންމުންގެ ތެރެއިން ގިނަބަޔަކު ތިޔަ އިންޑަސްޓަރީއަށް އަމާޒުކުރާ ޖަޒްބާތާއި، އިހްސާސަށްވުރެން، ޝައްޔާންއާއި ގުޅުވާފައި އޮންނަ އިހްސާސްތަކާއި ޝައުގުވެރިކަމާއި، ހިތް އެދޭއެދުން އެއީ މުޅިން އެހެން ލެވެލްއެއް އިނގޭ.. ޝައްޔާންއަކީ ވަކި މީހެއް، އިންޑަސްޓަރީއަކީ ވަކި ބައެއް..!" ބުނަން ބޭނުންނުވިޔަސް އަމާރާ ބުނެލި އެވެ. 

އަމާޒަކީ ޝައްޔާންއަށް އަމާޒުވަމުންދާ ޒުވާން ލޯތަކާއި ސީދާ އަދި ނުސީދާކޮށް ޝައްޔާންއަށް އަންނަ ހުށަހެޅުންތަކާމެދު، ޝައްޔާން ސަމާލުވާން ނުސީދާކޮށް އިޝާރާތްކުރުމެވެ.  

ޝައްޔާންގެ މުޅި ހަށިގަނޑު ހުއްޓުނެވެ. އަމާރާގެ ލޮލަށް ޝައްޔާންގެ ނަޒަރު ސީދާ ކޮށްލި އެވެ.

"ހަގީގަތުގައިވެސް އެކަންކަން އަމާރާ ގަބޫލުކުރަންތަ؟" ޝައްޔާންގެ މަގުސަދު ހާސިލްވެއްޖެކަން ޔަގީންވަނީ އޭނާގެ ތުންފަތްމަތީން ފެނަނާންހުރި ހިނިތުންވުމުންނެވެ. 

"ވަރަށް ބޮޑަށް ގަބޫލުކުރަން.. އެކަންކަން އަހަރެން ގަބޫލުކުރިޔަސް، އެފަދަ ވަގުތެއް ކުރިމަތިވުމުން ޝައްޔާން ހިމޭންވާނެކަން ޔަގީން.." ސީދާ ޖަވާބު އަމާރާ ބުނެލި އެވެ.

ވެރިވި ހިމޭންކަމުގައި ކެތްކުރުން މާ ފަސޭހަކަމަކަށް ނުވި އެވެ. ހާމަޔަށް އޮތް ކާއިނާތުގެ ކޮންމެ ވައިރޯޅީއެއް އެދެމެދުގައި ދައުރުކޮށްލަ އެވެ. ދުލުން ބަޔާންކުރާނެ ލަފްޒެއް ނެތެވެ. ލޮލުގެ ކޮންމެ އިހްސާސެއް އެކަކު އަނެކެއްގެ ހިތާއި ހަމައަށް ވާސިލްވެ ނިމިއްޖެ އެވެ. 

"ސްވީޓްހާޓް، އަހަރެންގެ ލޯބިވާގެ ހަމައެކަނި މައްސަލައަކީ ތިއީ..!" އަސަރުން ފުރިގެންވީ ބެލުމަކުން އަމާރާއާއި ދިމާއަށް ޝައްޔާން ބަލައިލި އެވެ. އޭނާގެ ހިތުގެ ރިހުން ހާމަކުރީ ތަސައްލީއެއް ހޯދުމަށެވެ. ދެމީހުންގެ ދެމެދު ގުޅުން އޮތް ގޮތް، އަމާރާއަށް ވިސްނޭތޯ އެވެ.

"މިހާރު ކިހިނެއްވީ..؟'' ޝައްޔާންގެ ލޮބުވެތި ޖަޒްބާތާއި ލޮލުން ވިދާލި އިހްސާސްގެ އަސަރުތަށް ދުލުން ހާމަކުރުން ފަސޭހަ ނުވިޔަސް، އަމާރާ ބޭނުންވީ  އޭނާގެ މަގުސަދު އޮޅުންފިލުވާށެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް