ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހިދުމަތުގައި ތަކައިޗި ސަނާއެ ހޯއްދަވާފައިވާ މުއްސަނދި ތަޖުރިބާގެ އަލީގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީތައް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް ވަނީ ޖަޕާނުގެ އާ ސަރުކާރާއެކު މަސައްކަތްކުރުމަށް އިންތިޒާރުކުރައްވާ ކަމަށްވެސް ފާހަގަކުރައްވާފައެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ތަކައިޗި ސަނާއެ އާއި އާ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1967 ވަނަ އަހަރުއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ.