"އަހަރެންގެ ދިރިއުޅުމުގައި ހުރި ބޮޑެތި ހުރިހައި މައްސަލައެއް، ނުވަތަ އަހަންނަށް ތުރާ ލިބޭ ކޮންމެ ކަމެއްގެ ހައްލު އޮންނަނީ ހަމައެކަނި އަމާރާގެ ކިބައިގައި.. އެކަންކަން އަހަރެންގެ ސަމާލުކަމަށް އަޔަސް، ނަޔަސް، އެކަންކަން އަހަންނަށް ތަހަންމަލްކުރެވުނަސް ނުކުރެވުނަސް، އެއިން އެއްވެސް ކަމެއް އަމާރާގެ ސަމާލުކަމުން ކައްސާލައިގެން ނުދޭ..! މިއަށްވުރެން ބޮޑު އުފަލެއް ފިރ.. ފިރިހެނަކަކަށް ލިބޭނެތަ..؟" ދުލަށް އައި އެއްޗެއް ބުނަން، ދަތިވީ ސަބަބުތަކެއް އޮތީމަ އެވެ.
އަމާރާ ބުނެދިނީ ހަގީގަތެވެ. ޝައްޔާންގެ ދިރިއުޅުމުގައި އޭނާގެ ކޮންޓްރޯލެއް ނެތެވެ. އޭނާގެ ކޮންޓްރޯލް ސްވިޗް އޮންނަނީސަޕޯޓަރުންނާއި އިންޑަސްޓްރީގެ ނުފޫޒުގަދަ ފަރާތްތަކުގެ އަތުގައެވެ. އެމީހުންގެ އިޝާރާތަކާއި ދެކޮޅަށް އޭނާގެ ހިތުގައި ވިންދެއް ޖެހުންވެސް ހަގީގަތުގައި ހުއްދައެއް ނޯވެ އެވެ. ކެއުމާއި ބުއިމާއި ބޭނުންކުރާ އަންނައުނުގެ އިތުރުން ޝައްޔާންގެ މިނިވަންކަންވެސް ބަރޯސާވަނީ، އެހެންމީހުންގެ އިޝާރާތްތަކަށެވެ. މި ހުރިހައި ކަމަކަށް އަމާރާ ޖެހޭނީ ކެއްކުރާށެވެ.
ހިތްގައިމު މެހެފިލެއްގައި އެންމެ ހިތް އެދޭ މީހަކާއެކު މީރު ކާނާއަށް އިންސާފު ކުރުމަށްވުރެން ބޮޑު އުފަލެއް ސައުވީސް ގަޑީރުތެރޭގައި ލިބޭނެ ހެއްޔެވެ؟
ބުރަ ދުވަހަކަށްފަހު އަމާރާއާއި ޝައްޔާން ރެސްޓޯރެންޓުން އެ ނިކުތީ އެ އުފާ ހާސިލްކޮށްގެންނެވެ.
މަގުމައްޗަށް ނިކުމެވުނު އިރު މުޅި ސަރަހައްދުގައި އޮތީ ސެކިއުރިޓީ އެވެ. ކާރު އޮތީ ރެސްޓޯރެންޓް ކުރިމަތީގަ އެވެ. ސެކިއުރިޓީއާއި ރެސްޓޯރެންޓުގެ ސީނިއާ މެނޭޖަރުގެ ކުރިމަތީގައި، އަމާރާގެ އަތުގައި ޝައްޔާން ހިފައިލީ ކުއްލިޔަކަށެވެ. އަމާރާގެ ކަނދުރާގެ ހިމަ ލޯލިތަށް ކޮޅަށްޖެހި، ހީނބިހިނެގި އެވެ. ސިއްސައިގެން ގޮސް ބަލައިލެވުނީ ގުޅުވާލެވިފައި އޮތް އަތަށެވެ.
މުޅި ހަށިގަނޑުގެ ހަރަކާތް ހުއްޓުނެވެ. ވަށައިގެން ބަލައިލެވުނީ އަމާޒުވެފައިވަ ލޮލެއް ފެނޭތޯ އެވެ.
"ހަމަޖެހިލާ... ފުންނޭވާއެއްލާފައި، ހަމަޖެހިލާ!" އޯގާތެރިކަމާއެކު ޝައްޔާން ބުންޏެވެ.
"މިތާގައި، ކެމެރާއެއް، ނޫސްވެރިންނެއް ނޫޅޭނެ ދޯ..؟" ހަމަޖެހިލަން މަސައްކަތްކުރަމުން އަމާރާ ސުވާލުކުރި އެވެ.
"ނޫޅޭނެ، އެކަން ކަށަވަރު" އަމާރާއާއި ދިމާއަށް ގުދުވެލާފައި ޝައްޔާން ބުންޏެވެ.
ގުޅުވާލާފައި އޮތް އަތް، ދަމައިގަތުމަށް އަމާރާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ކަރަންޓުގެ ރާޅު ދެ ހަށިގަނޑުގައި ދަތުރުކުރަމުންދިޔަ އެވެ. ދެމީހުންކުރެ އެކަކުވެސް އިތުރު އެންމެ ލަފްޒެއްވެސް ނުބުނެ އެވެ.
'ބައެއްފަހަރު، ހިމޭންކަމަށްވުރެން ބާރު އެހެން އެއްވެސް އަޑެއް ކާއިނާތުގައި ނުވެ އެވެ.'
.............
މެންދަމުގެ ހިމޭން ވަގުތެވެ. ޝައްޔާން އޮތީ އޭނާގެ އެނދުގައި އެވެ. އަތުގައި އޮތީ މޮބައިލް ފޯނެވެ. އިނގިލިތަކުން ފިރުމަމުންދިޔައީ ކީބޯޑްގައި އެވެ.
ޓައިޕްކުރާނީތޯ ނުވަތަ ނޫންތޯ ވިސްނަނީ އެވެ. އިރުކޮޅަކު އޮތުމަށްފަހު ޓައިޕްކޮށްލި އެވެ.
"ނިދަނީތަ؟"
އެކަމަކު ހިނދުކޮޅެއްގެ ތެރޭގައި އެ މެސެޖް ޑިލީޓްކޮށްލައިފި އެވެ. ވިސްނާލުމަށްފަހު ސައިޑް ޓޭބަލްމަތީގައި ފޯނު ބާއްވަން ހަރަކާތްކޮށްލި ވަގުތު މެސެޖެއް އައުމުން، އަވަސް އަވަހަށް ބަލައިލި އެވެ.
"މިހައި ލަސްވަންދެން ހޭލާ ތިއުޅެނީ ކީއްވެ؟" އޮޅުންބޮޅުން ނެތް ސާފު ސުވާލެކެވެ.
ހިތަށް އެރި އެއްޗަކުން ޝައްޔާންގެ ލުއި ހިނިތުންވުމެއް ފެނެލި އެވެ. ޝައްޔާންގެ ޗެޓްލޮގް ބަލަން، އެވަގުތު އަމާރާ ނެތްނަމަ، ޝައްޔާން ޓައިޕްކުރިކަން ނޭގުނީހެވެ.
ސަމާސާކޮށްލުމަށްޓަކައި ހަމަ އެ ސުވާލު ޝައްޔާންވެސް ތަކުރާރުކޮށްލި އެވެ.
ފުރަތަމަ ސުވާލުކުރީ އަމާރާ ކަމުގައިބުނެ، ޖަވާބު ލިބުނެވެ.
ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތަށް މަހާލައި، ޝައްޔާން ހަމަޖެހިލި އެވެ. އަމާރާގެ ލުއި ހިނިތުންވުން އޭނާއަށް ސިފަކުރެވުނެވެ. އިތުރު އިންތިޒާރުކުރުވުމެއް ނެތި، ޝައްޔާންގެ ޖަވާބު ޓައިޕްކޮއްލި އެވެ.
"ލޮލަށް ނިދި ނައިސްގެން.." ހިނިތުންވަމުން، އުއްމީދާއެކު ޝައްޔާންގެ މެސެޖް ފޮނުވާލިއެވެ.
ހަމަވަގުތުން ޖަވާބު ލިބިއްޖެ އެވެ.
"މީ ޓޫ" ކުރު ލަފްޒެކެވެ. ލިބުނު އުފާ އެހެން މީހަކަށް އަންދާޒާވެސް ނުކުރެވޭހައި ބޮޑެވެ.
ދެހިތެއްގައި ޖަހަނީ އެއް ވިންދެކެވެ. ލޯތްބަށް އިންކާރު ކުރުމެއް ނެތެވެ. ލޯބި ހުށަހެޅުމެއް ނުވަތަ ހިތުގެ އަޑު އިއްވުމެއްވެސް ނެތެވެ. ބަނދެވިފައިވަނީ ދުވަހަކުވެސް ވަކިވުމެއް ނެތް ގުޅުމަކުންނެވެ. އެ ގުޅުމާމެދު މަޝްވަރާކުރުމާއި، ހިތުގެ ރިހުން ފާޅުކުރުމަކީ އެކަކު އަނެކަކު އިންތިހާއަށް ޖެހިލުންވާކަމަކަށްވި އެވެ. ދެމީހުންގެ ލޯ ނިދިން މަހުރޫމްވެފައިވަނީ އެހެން ސަބަބަކާއިހުރެ ނޫނެވެ.
ޖެހިލުންވެފައި ޝައްޔާން ސުވާލެއް ކޮށްލި އެވެ.
ހަމަ އެހިނދުކޮޅުގައި އަމާރާގެ ޖަވާބުވެސް ލިބިއްޖެ އެވެ. ލިބުނު އުފަލުގައި ޝައްޔާން އެނދުން ފުންމާލައިގެން ދުއްވައިގަތީ އޭނާގެ ކާރުގެ ތަޅުދަނޑިއާއި ދިމާއަށެވެ.
................
މެންދަމުގެ ހިމޭންކަމުގައި ހުޅުމާލޭގެ މަގުތަށް އަމާން ނޫނަސް، ދުވާލުގެ ހަލަބޮލިކަމަށްވުރެން ވެހިކަލްތައް މަދެވެ. ވެހެމުންދިޔަ ތުނިތުނި ވާރޭގެ ތެރޭގައި ކާރު ދުއްވަމުންދިޔައިރު، އަމާރާގެ ކަނާއަތް އޮތީ ޝައްޔާންގެ އަތު ތެރޭގަ އެވެ. އިނގިލިތަކުގައި ފިރުމަމުން، ދޭތެރެއަކުން ޝައްޔާންގެ މޭގައި އެއަތް ޖައްސާލައި ބޮނޑިކޮށްލަ އެވެ. ލިބެމުންދިޔަ ލޯތްބާއި އިހްސާސްވަމުންދިޔަ އަމާންކަމުގައި ބަސްމޮށުންތެރިކަމަށްވުރެން ހިމޭންކަން މާ ހިތްގައިމެވެ.
އެކަކު އަނެކަކާއި ކިތަންމެ ވާހަކައެއް ދައްކާން ބޭނުންވިޔަސް، ދޮޅުގަޑީރުގެ 'ލޯންގް ޑްރައިވް' ނިންމާލީ، ލުއި ހިނިތުންވުމާއި ލޮބުވެތި ބެލުންތަކާއި އަސަރުގަދަ ފިރުމުންތަކުންނެވެ.
ފާއިތުވެގެން ދިޔަ ކޮންމެ ހިނދުކޮޅަކީ އެކަކު އަނެކެއްގެ އިހްސާސްތަކަށް އިންތިހާއަށް އެދެވުނު ވަގުތުތަކެކެވެ. ނަމަވެސް ކުރިމަތިވެފައިވާ މަޖުބޫރުގެ ސަބަބުން، ހިތުގެ އެދުމަށް ހާލަތު ތަނެއް ނުދެ އެވެ.
................
ފަތިހުގެ ބަންގީގެ އަޑާއެކު އަމާރާ ހުރީ ކޮޅަށެވެ. ވަގުތުގެ ފަރުޟު އަދާކުރުމަށްފަހު، ދެމީހުންނަށް ފުދޭވަރަށް ސައި ހަދާފައި، އަމާރާގެ ނާސްތާ ނިންމާލި އެވެ.
ކަބަޑުތެރެއިން ޓިފެންބޮކްސް ނަގާފައި ނާސްތާގެ ބާވަތްތައް ތަރުތީބުކޮށްލި އެވެ. އަދި ކަޅުކުލައިގެ ކުޑަ ދަބަހަކަށް ލުމަށްފަހު، އެއަށް ބަލާލާފައި ހިނިތުންވެލީ، ކުރެވުނު މަސައްކަތާއިމެދު އޭނާ ހިތްހަމަޖެހޭތީ އެވެ.
ފެންވަރައި ތައްޔާރުވެލައިގެން އައިސް، ކަޅުކުލައިގެ ކުޑަ ދަބަސް ހިފައިގެން އަމާރާގެ ސްކޫޓީގައި ދަތުރަށް ފަށައިފި އެވެ.
ބާރުބޮޑު މަގުތަކުގައި ދުއްވާފައިގޮސް، ޝައްޔާންގެ ގެއަށް، އެ ކުޑަ ދަބަސް ލާފައި އޭނާ ދިޔައީ ހޮސްޕިޓަލަށެވެ. މިއީ ހަމައެކަނި މިއަދުގެ މަސައްކަތެއް ނޫނެވެ. ޝައްޔާން ރަށުގައި ހުރިނަމަ، އަމާރާގެ ފަހަކަށް އައިސް ކޮންމެ ދުވަހެއްގެ ހެނދުނުގެ އާދަ އެވެ.
..............
ނާރސް ސްޓޭޝަންގައި ފައިލްތަށް ބަލަމުން ދަނިކޮށް އަމާރާގެ ސަމާލުކަން ހޯދީ، އެތަނަށް އައި އެޓެންޑެންޓެއްގެ ޖުމުލަ އެވެ.
ޑިއުޓީގައި އުޅުނު ނަރުހަކާއި އޭނާ ސުވާލުކުރީ ޝައްޔާން ޔޫސުފް ރައިޒާދުގެ އެންމެ ފަހުގެ އިންޓަވިއު ދުށިންތޯ އެވެ؟
ދެމީހުންގެ އެކުވެރިކަމުގައި ދައްކަމުންދިޔަ ވާހަކަ އަމާރާގެ ކަންފަތުގެ ހިނދުރީގެ އެންމެ ފުނަށް ފޯރައިފި އެވެ.
"ޝައްޔާން ބުނީ، އޭނާގެ ހަޔާތަށް ވަރަށް ހާއްސަ އަންހެންކުއްޖަކު އަތުވެއްޖެކަމަށް..! އެކަމަކު އެއީ ކާކުކަމެއް ހާމައެއް ނުކުރި..! މިއަދު މުޅި ސޯޝަލްމީޑިއާގައި އޮތީ އެވާހަކަ.. އެންމެން މަޝްވަރާކުރަމުންއެދަނީ އެ ސިއްރު ލޯބިވެރިޔަކީ ކާކުތޯ..." އަމާރާގެ ހަތަރެސްފައިގައި ކުއްލިޔަކަށް ހިލިހިލާ އެޅިހެން ހީވުމުން، ކައުންޓަރ މަތީގައި ބާރަށް އޭނާ ހިފަހަށްޓާލި އެވެ.
ހިތުގެ ތެޅުމުގެ އަޑު އިވޭކަމެއް ނުވަތަ ހިތުގެ ތެޅުން ހުއްޓުނީކަމެއް އޭނާއަކަށް ނޭގުނެވެ. ކަމުގެ ސީރިއަސްކަމާއި އޭނާގެ ދިރިއުޅުމަށް ކުރިމަތިވެދާނެ ޒަލްޒަލާގެ ބިރުވެރިކަން އިހްސާސްވި އެވެ.
"އޭނާ ހަމަ އެހެން ބުނިތަ؟" ގަބޫލު ނުކުރެވިގެން ދެން ހުރި ނަރުސް، އޭނާގެ އެކުވެރިޔާއާއި ސުވާލުކުރި އެވެ.
ނޭވާލާން އަމާރާ ބޭނުމެވެ. އެއަޑުތަށް ކަންފަތަށް ފަސޭހައެއް ނުވި އެވެ.
ފައިލްތަށް ހިފައިގެން އަމާރާ މިސްރާބުޖެހީ އޭނާގެ ކެބިންއަށެވެ.
މުޅި ދުވަސް ހޭދަވީ، މާބަނޑުމީހުން ބެލުމާއި ތިއޭޓަރގައި އެވެ. އިތުރުކަމާކާ ވިސްނާނެ ވަގުތެއް އަމާރާއަކަށް ނުލިބުނެވެ. ފޯނު ނިވިފައި އޮތުމުން ދަބަހަށް ފޯނު ލައިގެން އަމާރާ ދިޔައީ އޭނާގެ ގެއަށެވެ.
ވެފައި ހުރި ވަރުބަލިން، އިތުރުފިކުރުތަކެއް ކުރާނެ ވަގުތެއް ނުލިބުނެވެ. ފެންވަރައިގެން ނިކުތްގޮތަށް އަމާރާ ވެއްޓުނީ އެނދަށެވެ. ގަދަނިދީގެ ތެރޭގައި އޮވެވުނީ، އަނެއް ދުވަހުގެ ފަތިސް ނަމާދު ބަންގިއާއި ހަމައަށެވެ.
އާދައިގެ މަތީން، އިންސާނީ ވާޖިބު އަދާކޮށްފައި ނާސްތާ ތައްޔާރުކުރި އެވެ.
މިއަދުވެސް، ޝައްޔާންގެ ހިއްސާ އޭނާގެ ގެއަށް ލާފައި އަމާރާ މިސްރާބުޖެހީ އޭނާގެ މަންޒިލަށެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ޝައްޔާންގެ ކާމޭޒުމަތީގައި އޭނާގެ ނާސްތާ ތައްޔާރުކުރުމަށްފަހު އަމާރާ ނިކުމެގެން އަންނަނީ، ޝައްޔާންއާއި ހަމައަށް ނުގޮހެވެ. ޝައްޔާން ތެދުވެގެން އައިސް، އޭނާގެ ނާސްތާކުރުމަކީ އެދެމުގައި އޮތް ހިމޭން އެއްބަސްވުމެކެވެ.
އަމާރާގެ ފޯނު ޗާޖަށް ޖަހަން ރޭގައި ހަނދާން ނެތުމުން، ފޯނު ޗާޖަށް ޖެހުމަށް، އޭނާ ޗާޖަރާއި ގާތްވި އެވެ. ހަމަ އެވަގުތު ކެބިންގެ ދޮރު ހުޅުވުނު އަޑާއެކު ބަލައިލެވުނެވެ. ލިބުނީ ހައިރާންކަމެވެ.
ޝައްޔާން އެހުރީ ކެބިންގެ އެތެރޭގަ އެވެ. މުޅި ގައުމުގައި އަދި ސޯޝަލްމީޑިއާގެ ހުރިހައި ވަސީލަތެއްގައި ބޮޑު މަޝްވަރާއެއް ކުރަމުންދިޔަ ވަގުތެއްގައި، ޝައްޔާން އެ ކެބިންއަށް ކުއްލިޔަކަށް އައުން އަމާރާއަށް ކަމަކު ނުދިޔަ އެވެ. އެއްޗެއް ނުބުނެ އޭނާގެ މަސައްކަތާއިގެން ކުރިއަށް ދާންފެށި ސަބަބަކީ އެއީ އެވެ.
"އިއްޔެއިން ފެށިގެން އަމާރާގެ ފޯނު އޮތީ ނިވިފައި.. ހޮސްޕިޓަލަށް ގުޅައިގެން ދިމައެއްނުވި.. އެހެންވެ ވީގޮތެއް ބަލަން މިއައީ.." ޝައްޔާން އަމާރާއާއި ބައްދަލުކުރާން އަންނާން ޖެހުނު ސަބަބު ބުނެދިނެވެ.
ނަމަވެސް އަމާރާގެ ޖަވާބެއް ނުލިބުނެވެ.
ތަފާތުކަމެއް އަމާރާގެ ކިބައިން ޝައްޔާންއަށް ފާހަގަކުރެވެންފެށި އެވެ.
"އަމާރާ، ކަމެއް ގޯސްވީތަ؟" މަޑު ހިނގުމުގައި ޝައްޔާން އައީ އަމާރާއާއި ގާތްވަމުންނެވެ.
"އެއްކަމެއްވެސް ނުވޭ.!" ފަސްއެނބުރި ބެލުމެއްނެތި، އަމާރާ ބުނެލި އެވެ. (ނުނިމޭ)