ޑރ. ޝަހީމް ވިދާޅުވީ މާލޭގައި އަލަށް ހަދާ ވަގްފު އިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ އިސްލާމިކް ވަގުފު ފަންޑަށް ލިބޭނެ ކަމަށެވެ.
އަދި އެ ތަން އެޅުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހު ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ދާރުލްއަރްގަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައި ވަގްފު އިމާރާތެއް އެޅުމަށް ނިންމަވާފަ އެވެ.
ދާރުއްސަލާމް އިމާރާތުން އަހަރަކު 50 މިލިޔަން ރުފިޔާ ވަގްފު ފަންޑަށް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ސަރުކާރުން ވަނީ ވަގްފު އިމާރާތްތައް އެޅުމުގެ މަޝްރޫއުތަކަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަން މީގެ ކުރިން ހާމަކުރައްވާފަ އެވެ.
މި މަޝްރޫއުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫއުތަކަކީ މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫއުތަކެވެ.